ޓީވީ ސީރީޒް

އަހަރެއްހާ ދުވަހަށް ފަހު "ޕަވިތުރަ ރިޝްތާ 2" ފަށަނީ

ޒީ-ޓީވީން ދެއްކި މަޝްހޫރު ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ދެ ވަނަ ސީޒަނެއް ފަށަން ތައްޔާރު ވެއްޖެ އެވެ. މި ސިލްސިލާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ހޯމަ ދުވަހު ކުރި ޓުވީޓެއްގައި މި ސިލްސިލާ ފަށާކަން ވަނީ އިއުލާން ކޮށްފަ އެވެ. އެކްތާ ބުނެފައިވާ ގޮތުގައި މި ސިލްސިލާގެ ބަތަލާއަކީ މީގެ ފުރަތަމަ ބައި "ޕަވިތުރަ ރިޝްތާ" ގެ ވެސް ބަތަލާ އަންކިތާ ލޯކަންޑޭ އެވެ. ފުރަތަމަ ސީޒަންގައި އަންކިތާ އާއެކު ލީޑް ރޯލު ކުޅުނީ މިދިޔަ އަހަރު މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތެވެ. މި ޝޯގައި މި ދެ އެކްޓަރުން ކުޅެފައިވަނީ އަރްޗަނާ އާއި މާނަވް ގެ ރޯލެވެ.

ސުޝާންތު އާއި އަންކިތާގެ ހަގީގީ ލޯބީގެ ފެށުމަކަށް ވެސް ވީ މި ސިލްސިލާ އެވެ. ނަމަވެސް ޒަމާންގަނޑަކަށް ފަހު ސިލްސިލާ ނިމި ސުޝާންތު ފިލްމު ކުޅެން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އަންކިތާ އާއި އޭނާގެ ލޯބީގެ ގުޅުން ކެނޑުނީ އެވެ.

މިފަހަރުގެ ސީޒަންގައި ބަތަލުގެ ބައި ކުޅެނީ ސަހީރް ޝޭޚް އެވެ. ސަހީރްގެ އިތުރު ޝޯ އެއް މި ހަފުތާގައި ސޮނީ ޓީވީން ވަނީ ދައްކަން ފަށާފަ އެވެ. މި ޝޯ އަކީ ވެސް އެކްތާ ޕްރޮޑިއުސްކުރާ ޝޯ އެކެވެ.

އަންކިތާ މި ޝޯގައި އަރުޗަނާގެ ރޯލު ކުޅޭއިރު ޝަހީރް ކުޅެނީ މާނަވްގެ ރޯލެވެ.

އެކްތާ ބުނި ގޮތުގައި މި ޝޯ ފެށޭގޮތް މިވީ އަހަރެއްހާ ދުވަހު ބޯ ގާނައިގެން ކުރި ބުރަ މަސައްކަތުންނެވެ. ސުޝާންތު ދުނިޔޭގައި ނެތުމުން މާނަވްގެ ރޯލަށް އެކަށީގެންވާ އިންސާފެއް ކުރެވޭނެ ގޮތެއް ހޯދަން ދަތިވި ކަމަށް އެކްތާ ބުންޏެވެ. އަދި ޝަހީރް ޚިޔާރު ކުރީ ވަރަށް ވިސްނާފައި ކަމަށް އެކްތާ ބުންޏެވެ.

މިހާރު ސުވާލަކީ މި ސިލްސިލާގެ ފުރަތަމަ ސީޒަނަށް ލިބުނު ތަރުހީބު ދެ ވަނަ ސީޒަނަށް ވެސް ބެލުންތެރިން ދީފާނެ ހެއްޔެވެ؟ އެކްތާ މިހާތަނަށް ދެ ވަނަ ސީޒަން ފެށި އެއްވެސް ސިލްސިލާއަކަށް ރަނގަޅު ތަރުހީބެއް ލިބިފައެއް ނެތެވެ.