އުރީދޫ

އުރީދޫ އަތޮޅު ދުވުމަށް ހުޅުވާލައިފި

Jul 14, 2021

އުރީދޫ މޯލްޑިވްސް އިން "އަތޮޅު ދުވުން 2021" ގެ ނަމުގައި ވާޗުއަލް ރަން އަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން ކަމަށްވާ ކުރީގެ ކަލަ ރަން އަދި މިހާރު "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށީ މިދިޔަ އަހަރު އެ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގަ އެވެ.

މި ދުވުމުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުން 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އުރީދޫގެ މި އަހަރު މި ދުވުން ބާއްވަން ނިންމާފައި މިވަނީ އެ ކުންފުނީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ވާޗުއަލްކޮށް މިފަދަ ރަން އެއް ބާއްވަން ނިންމީ ބޮޑު ތަރުހީބެއް ލިބުމުންނެވެ.

މި އަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރަޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ މިހާރު ހުޅުވާލާފަ އެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ރަޖިސްޓާ ކުރަން ޖެހެ އެވެ. ދެ ކެޓަގަރީގައި ދުވާ ދުވުންތެރިން 15 ކިލޯމީޓަރު ފުރިހަމަ ކުރަން ޖެހެ އެވެ.

މި ދުވުމަކީ، އެކަނި ވެސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. ފަސް އަހަރުން މަތީގެ އެންމެންނަށް ވެސް ބައިވެރިވެވޭ މި ދުވުން ފުރިހަމަކުރަން ޖެހެނީ ކުރިއަށް އޮތް އޯގަސްޓް އެކަކުން ހަތަކާ ދެމެދުގެ ކޮންމެވެސް ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މި ދުވުމުގައި ދުވަސް ރެޖިސްޓާ ކުރާ ދުވުންތެރިން ދުވުން ސްޓްރާވާ އެޕާއި ގާމިން ކަނެކްޓް އަދި ރަންޓާސްޓިކް އަދި ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ.