ދަރުމަވަންތަ ރަސްގެފާނު ފ. ނިލަންދޫގައި ބިނާކުރެއްވި މިސްކިތް ކައިރިން އާސާރީ ތަރިކަތެކެއް ފެނިއްޖެ އެވެ.
ނިލަންދޫއިން އެތަކެތި ފެނިފައި ވަނި އެ ރަށުގެ ތާރީހީ އެ މިސްކިތް ހިމެނޭ ސަރަހައްދުން ނެވެ.
މީގެކުރިން ވެސް އެފަދަ ބައެއް އާސާރީތަކެތި ނިލަންދޫން ފެނިފައި ވެއެވެ. އަދި އެރަށަކީ އާސާރީ ބިނާތައް ވެސް ހުންނަ ރަށެކެވެ. މި ފަހަރު ނިލަންދޫން ފެނިފައިވަނީ ހަތަރެސްކަން ބައްޓަމަށް އޮތް އެއް ފޫޓްގެ ބޮޑު ދެ ހިރި ގަލާއި ގަހަނާ އަޅަން ބޭނުންކުރާ ޒާތުގެ ދެ ފޮއްޓެކެވެ.
ނިލަންދޫން ފެނުނު ހިރި ގަލުގެ ހަ ފަރާތުގައި ވެސް ބުދު ދީނަށް އަޅުކަން ކުރާ މީހުން ބޭނުން ކުރަމުން އައި ރަމްޒުތަކުގެ ކުރެހުންތައް ކަނޑާނަގާފައި ވެއެވެ.
އެ ތަކެތީގެ ފޮޓޯ ޓްވިޓާގައި ވަނީ އަމިއްލަ ފަރާތަކުން ހިއްސާކޮށްފައެވެ. އެ ފަރާތުން ބުނެފައި ވަނީ ބުދު ދީނުގެ މީހުން ރަމްޒުކޮށް ދިނުމަށް ބޭނުންކުރާ ކުރެހުންތައްކަމަށްވާ ލޮޓަސް މަލާ، ސަންގާއި އެނޫން ވެސް ކުރެހުންތައް ގަލުގައި ހުރި ކަމަށެވެ. އެ ތަކެތި ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެންގޮސްފައިވާ ކަމަށެވެ. މިހާރު މި ތަކެތި ހުރީ ނިލަންދޫ ކައުންސިލް އިދާރާގަ އެވެ.
މީގެ ހަތަރު އަހަރު ކުރިން ވެސް ނިލަންދޫން ވަނީ އާސާރީ އެއްޗެހިތަކެއް ފެނިފައެވެ. ނިލަންދޫއަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްވީ ދުވަސްވަރު އިރު އެންމެ ފަހުން ރާއްޖެއިން އިސްލާމްދީން ގަބޫލުކުރި ރަށް ކަމަށް ވެއެވެ. އަދި އެރަށަކީ ރާއްޖޭގައި އެންމެ ވަރުގަދަކޮށް ބުދު ދީނަށް އަޅުކަން ކުރި މީހުން ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެއް ކަމުގައި ވެސް ތާރީހީ ލިޔުންތަކުގައި ހުރެ އެވެ.