މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތަށް ކުނި އެޅުނީ ކީއްވެ؟

މަރާމާތެއް ކުރަން ކަމަށް ބުނެ ކުއްލި ގޮތަކަށް މާލޭގެ ހުކުުރު މިސްކިތުގައި ބަންދު ބޯޑު އެޅުވީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. އެ މިސްކިތް ބަންދުކުރީ އެ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުނެ އެވެ. އަދި މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާއިން ކޮށްދެނީ ކަމަށް ބުނެ އެވެ.

އޭގެ ފަހު މިއަދާ ހަމައަށް މިސްކިތުގައި މަރާމާތުގެ މާބޮޑު މަސައްކަތެއް ހިނގާތީއެއް ނުފެނެ އެވެ. އެ މިސްކިތް ހުންނަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން މިސްކިތަށް އަރައި ކުނި އަޅައި ހަދަ އެވެ. ބައެއް މީހުން ރޭގަނޑު މަޑުކޮށްލައިގެން ތިބޭ ތަނަކަށް އެ މިސްކިތް ހަދައިގެން އުޅެ އެވެ. އޭގެ ފަހުން އެ މިސްކިތަށް ކުނި އަޅައި ވަރަށް ބޮޑަށް ހަޑި ކޮށްފައިވާ ފޮޓޯތަކެއް ދައުރުވާން ފެށުމުން ހެރިޓޭޖުން މިއަދު ބުނެފައި ވަނީ އެއީ މިދިއަ އަހަރުގެ ނޮބެމްބަރު މަހު ހިނގި ކަމެއް ކަމަށެވެ.

މިއަދު އަވަސްގެ ބައެއް ނޫސްވެރިން ހުކުރު މިސްކިތް ބަލައިލަން ދިޔައިރު ވެސް އެތަން ބަލަހައްޓާ މީހަކަ ވެސް އަދި މަސައްކަތް ކުރާ ބަޔަކު ވެސް މަސައްކަތު މީހަކު ވެސް ނޫޅެ އެވެ. ނަމަވެސް ހިސާބަކަށް ސާފުކޮށްފައި ވެއެވެ.

ބަންދު ކޮށްފައިވާ ހުކުރު މިސްކިތުގެ ތެރެއަށް ކުނި އަޅާފައިވާ ބައިވަރު ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އެހެންވެ ހުކުރު މިސްކިތް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ހެރިޓޭޖުން ބުނަނީ ދައުރުވަމުންދާ ފޮޓޯތަކަކީ މިދިއަ ނޮވެމްބަރު މަހު އެ އިމާރާތަށް ކެމިކަލް ޓްރީޓްމަންޓް ދީ، ތަން ބަންދު ކޮށްފައި ވަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގާފައިވާ އަމަލުތަކެއްގެ ނަތީޖާ ކަމަށެވެ. ހެރިޓޭޖުން އެހެން ބުނުމުން ވެސް އާންމުން ވަނީ ހިތްހަމަ ނުޖެހިފަ އެވެ. އާންމު ފަރާތްތަކުން ބުނަނީ ނޮވެމްބަރު މަހުގައި ވިޔަސް އަދި އެހެން މަހެއްގައި ވިޔަސް އެކަން ހިނގަފައި ވަނީ އެ މިސްކިތް ބެލެހެއްޓުމުގައި އިހުމާލުވެގެން ކަމަށެވެ.

"...މިސްކިތުގެ އެތެރެ ސާފުކޮށް، ފުލުހުންނާއި ގުޅިގެން އެތަން ބެލެހެއްޓުމުގެ މަސައްކަތް މި މަރުކަޒުން މިދަނީ ކުރަމުން،" ހުކުރު މިސްކިތުގެ އެތެރޭގެ އެންމެ ފަހުގެ ފޮޓޯތަކާއެކު ހެރިޓޭޖުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ.