ހެރިޓޭޖް މިނިސްޓްރީ

ހުކުރު މިސްކިތް ހުޅުވައިފި

އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުންތައް މަރާމާތުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މިސްކިތް ބަންދުކޮށް ކަރަންޓުގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށާއި ރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތް އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ދިމާވާން މެދުވެރިވީ ކަރަންޓް ޝޯޓެއް ވެގެނެވެ. އެ ހާދިސާގައި މީހަކަށް ގެއްލުން ނުވި ނަމަވެސް މިސްކިތުގެ މަތިވަޑާންގަނޑަށް ގެއްލުންވި އެވެ.

ހުކުރު މިސްކިތް މަރާމާތަށާއި އާބާތުރަ ފިލުވުމަށް އެންމެ ފަހުން ބަންދުކުރީ ސެޕްޓެމްބަރު 13، 2019 ގައެވެ. މަރާމާތަށްފަހު މިސްކިތް އަލުން ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.

މާލޭގެ ހުކުރު މިސްކިތަކީ އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭ ބިނާކޮށް ނިންމެވި މިސްކިތެކެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާ ކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓެއްގައި މި މިސްކިތް ހިމަނާފައި ވެއެވެ.