އޭސީސީ

ކުންފުނިތަކުގެ ލިޔުންތައް ނައްތާލުން ހުއްޓުވައިދޭން އޭސީސީން އެދިއްޖެ

ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލުމުގެ އަމަލުތައް ހުއްޓުވައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިއްޖެ އެވެ.

އޭސީސީ އިން މިކަމަށް އެދުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުވެފައިވަނި ކޮށެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދައުލަތުގެ ބައެއް އިދާރާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅެމުންދާކަން ފާހަގަކޮށްފަ އެވެ.

"ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، މި ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސް އެޅޭނެ އަމަލުތަކެއް ކަމުގައިވާތީ އެފަދަ އަމަލުތައް ހުއްޓާލުމަށް އަންގަން،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައްކަން ފާހަގަކޮށް އޭސީސީން ވަނީ އެކަންކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ.

ލިޔެކިޔުންތައް ނައްތާލުމުގެ އަމަލު ހިންގާކަމުގެ މައުލޫމާތު ލިބޭނަމަ އެކަމުގެ ތަފުސީލު މައުލޫމާތު ހުށަހެޅުމަށްވެސް އޭސީސީން ވަނީ އެދިފަ އެވެ.

ލިޔުންތަކެއް ނައްތާލުމުން އެ މައްސަލަ ބެލުމަށް ހެރިޓޭޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގު ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.

"ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ ހިލާފަށް ބައެއް މުއައްސަސާ ތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބެއްލެވުމަށް ފުލުހުންނަށް ގޮވާލަން. ދައުލަތުގެ އެއްވެސް ލިޔުމެއް ޤާނޫނާ ޚިލާފަށް ނައްތާލުމުގެ ޖާގަ ދެވިގެން ނުވާނެ،" ތޯރިގު ވިދާޅުވި އެވެ.

މި މައްސަލައިގައި އެފްއެސްއެމް އިން ބުނި ގޮތުގައި ނައްތާލި ލިޔުންތަކަކީ ގިނަ ދުވަސްތަކެއްވެ ހަލާކުވެފައި ހުރި ލިޔެކިޔުންތަކެކެވެ.