ރައީސް އަބްދުﷲ ޔާމީން

އެއްމިލިއަން ޑޮލަރު ހޯއްދަވަން ޔާމީން ދައުވާކުރައްވަނީ

Sep 3, 2022
1

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ހޯއްދެވުމަށް ދައުވާކުރެއްވުމަށް ރައީސް ޔާމީން ނިންމަވައިފި އެވެ.

ރައީސް ޔާމީން ހޯއްދަވަން މަސައްކަތް ކުރައްވާ އެއް މިލިއަން ޑޮލަރު ހުރީ އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ފެންމަތިވުމާ ގުޅިގެން އޭސީސީއާއި އެމަނިކުފާނާ ދެމެދު ދެކެވުނު ވާހަކަތަކަކަށްފަހު އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އޭރުވެސް ރައީސް ޔާމީން ގެންދެވީ އެއީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސަންގު ޓީވީއަށް ރޭ ދެއްވި އިންޓަވިއުގައި ވެސް އެއް މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް ޔާމީން ތަކުރާރުކުރެއްވީ އެއް ވާހަކަތަކެކެވެ. އެގޮތުން ވިދާޅުވީ އެއީ ސިޔާސީ މަސައްކަތްތަކަށް ލިބުނު ފައިސާ ކަމަށާއި ހިޔާނާތުގެ ތެރެއިން ހޯއްދެވި ފައިސާއަށް ނުވާތީ އެ ފައިސާ ލިބިވަޑައިގަންނަވަން ވާނެ ކަމަށެވެ.

ސިޔާސީ މަސައްކަތްތަކަށް ފައިސާ ދެއްވި ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހެެއްދެވި އެވެ.

އެސްކްރޯ އެކައުންޓް ހަދައި އެއް މިލިއަން ޑޮލަރު ޖަމާކުރީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީން ބަލައި ހޯދުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި އެކަން ނުކުރެވިއްޖަނަމަ ފައިސާ އަނބުރާ ލިބޭ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު ބީއެމްއެލް އިން ފައިސާ ދޫނުކުރި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އެ މައްސަލާގައި މިހާރު އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދާންވެގެން އެކަމުގެ މަގުމަތީގައި މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ފުރަތަމަ ދައުލަތުން ދައުވާ ކުރީ ހިޔާނާތުގެ ތެރެއިން އެމަނިކުފާނު އެއް މިލިއަން ޑޮލަރު ހޯއްދަވާ އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރުމަށްފަހު އެވެ. އެއް މިލިއަން ޑޮލަރާ ގުޅުވާ ނޮވެމްބަރު 28، 2019 ގައި މަނީ ލޯންޑްރިންގެ ދައުވާކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން އޮތް ފައިސާއެއް ހޯއްދެވި ކަމަށް ބުނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ދަށު ކޯޓާއި ހައިކޯޓުން ސާބިތުވި ނަމަވެސް ނޮވެމްބަރު 30، 2021 ގައި ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނު މިނިވަންކޮށްފަ އެވެ.