މޯލްޑިވްސް ޕޮލިސް ސާވިސް

އިދިކޮޅު އޮފީހާއި ލީޑަރު ގޭގައި ހުރި ބެނާ ނަގައިފި

Apr 21, 2022
3

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ -- ހ. ދޫވެއްސާއި އިދިކޮޅު ކޯލިޝަންގެ މައި އޮފީސް -- ހ. ހުރަފާގޭގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގައިފި އެވެ.

ކްރިމިނަލް ކޯޓުން އަމުރެއް ހޯދައިގެން މީގެއިރުކޮޅެއް ކުރިން ފުލުހުން ދޫވެއްސާއި ހުރަފާގެއަށް ވަދެފައިވަނީ އެ ތަންތަނަށް ވަނުމުގެ ކުރިން އެ ތަންތަނުގައި ހުރި ބެނާތައް ނެގުމަށް އެންގުމަށްފަހު އެ ބެނާތައް ނުނެގުމުންނެވެ.

ފުލުހުން ފުރަތަމަ ވަދެފައިވަނީ ހުރަފާގެއަށެވެ. އެ އިމާރާތުގެ ބޭރުގައި އާންމުކޮށް ފެންނާނެހެން ދަމާފައި ހުރި ބޮޑު ބެނާ ނެގުމަށްފަހު ރައީސް ޔާމީންގެ ގެއަށް ވަދެ އެ ގޭގައި ހުރި ބޮޑު ބެނާ ވެސް ނެގީ ފުލުހުންނެވެ.

އިމާރާތްތަކުގައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް އެސްއޯ ފުލުހުން ކުރަމުން ދިޔައިރު ޓްރެފިކް ޕޮލިސް ދިޔައީ އެ އިމާރާތްތަކުގެ ކައިރިއަށް އާންމުންނަށް ކައިރި ނުވެވޭ ގޮތަށް ފޯރިމަރަމުންނެވެ. އެކަމަކު އެކަމާ ދެކޮޅަށް އިދިކޮޅުގެ ސަޕޯޓަރުން އިހްތިޖާޖު ކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ބެނާތައް ފުލުހުން ނެގީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވީ ނަމަވެސް ރައީސް ޔާމީންގެ ގެ ކުރިމަތީގައި ތިއްބެވި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބައެއް ބޭފުޅުންނާއި އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ ފުލުހުން މިއަދު އަމަލުކުރީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

ޕީޕީއެމްގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ މާލޭގައި އިންޑިއާ އައުޓް ޖަހާފައިވާ އިތުރު ބެނާތައް ނުދެމުމަށާއި އިތުރަށް ބެނާ ދަމައިފިނަމަ އެ ބެނާތައް ވެސް ނަގައި އެކަން ކުރި ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު އެންގި ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ފުލުހުން ކޮންމެ އެންގުމެއް އެންގި ނަމަވެސް އިންޑިއާ އައުޓް ބެނާ އަދިވެސް ދަމާނެ ކަމަށާއި އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ނުދެކޭ ކަމަށެވެ.

"އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދާނަން. އަދި މިކަމަަށް ހުރަސް އަޅާ ވަކިވަކި ފުލުހުން ދެނެގަނެ ގާނޫނީ ފިޔަވަޅު އަޅާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ގެއާއި އިދިކޮޅު ކޯލިޝަންގެ އޮފީސް ހިންގަމުންދާ އިމާރާތުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނަގާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައި ނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ގޮވާލާފައި ވަނިކޮށެވެ.