ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ސެކިއުރިޓީ ހަމަޖައްސައިދީފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ދައުލަތުން ސެކިއުރިޓީ ހަމަޖައްސައި ދީފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސެކިއުރިޓީ ހަމަޖެއްސުމަށް ފަހު އިއްޔެގެ ވަގުތެއް އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަން ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވަންޖެހޭ ސެކިއުރިޓީ އޭގެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. ރައީސް ޔާމީންގެ ސެކިއުރިޓީ މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް އިއްޔެ އާއި މިއަދު ވެސް ތަކުރާރުކޮށް ގުޅި ނަަމަވެސް އެ އިދާރާގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އެލަވަންސް ދިނުމުގެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް ޔާމީނަށް އިނާޔަތް ދޭނެ ކަމަށެވެ. އެކަމަށް ހަރަދުކުރަނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށްވެސް ބުންޏެވެ.

ދައުލަތުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމަށް ހިމަނާފައިވަނީ ކުރީގެ ރައީސުންގެ ނަމާއި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އެނގޭ ގޮތަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅައި، ފާސްކުރިއިރު ރައީސް ޔާމީން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާތީ ބަޖެޓު ފޮތުގައި އެމަނިކުފާނަށް އެލަވަންސް ދޭން ހިމަނާފައެއް ނުވެ އެވެ. އިނާޔަތް ދިނުމަށް ބަޖެޓުގައި ހިމަނާފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. އަދި އެ ތިން ބޭފުޅުންގެ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ ބޭފުޅަކަށް 175،00 ރުފިޔާ ދިނުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރައީސް މައުމޫނަށް މާލީ އިނާޔާތުގެ ގޮތުގައި މަހަކު 75،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ރައީސް ނަޝީދާއި ރައީސް ވަހީދަށް ކޮންމެ ބޭފުޅަކަށް މަހަކު 50،000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ކުރީގެ ރައީސުން ކަމުގައިވާ މައުމޫނާއި، ނަޝީދާ އަދި ވަހީދަށް އިނާޔަތް ދިނުމަށާއި އޮފީސް ހިންގުމަށްދޭ ޖުމްލަ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 173.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެން ޖަލަށް ވަޑައިގަތުމާ ހަމައަށް އެމަނިކުފާނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދީފައިވެ އެވެ.

ކުރީގެ ރައީސުންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ފުރަތަމަ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ. އެހެންކަމުން މިވަގުތު ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ އެއްވެސް ކުށެއް ނެތެވެ.