އަބްދުއްރަހީމް އަބްދުﷲ

އިންސާފު ގާއިމުކުރަން ފުލުހާއި ސިފައިން ނުކުންނަންޖެހޭ: އަބްދުއްރަހީމް

އަދުލްއިންސާފު ނުލިބުމަށް ވުރެ ބޮޑު ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެ ރާއްޖޭގައި އަދުލްއިންސާފު ގާއިމުކޮށް ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމްތަކުން ނުކުތުމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ހާލަތު ނުރައްކާވެއްޖެ ކަމަށާ އަދުލްއިންސާފު ނުލިބުމަށް ވުރެ ބޮޑު ނުރައްކަލެއް ނެތް ކަމަށެވެ. އަދުލްއިންސާފަށް ސަރުކާރުން އަރައިގެންފައިވާ ކަމަށާ އެ މަންޒަރު ބަލަން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ތިބެގެން ނުވާނެ ކަމަށެވެ. އެެހެން ކަމުން އަދުލްއިންސާފު ގާއިމުކޮށް ދިނުމަށް ސިފައިންނާއި ފުލުހުންނަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

"އެތަނެއްގައި އޮންނަ ސަރުކާރަކުން އަދުލްއިންސާފަށް އަރައިގަތީމަ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ބަލަން ތިބެން ނުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެއީ މިއަށްވުރެ ބޮޑު ނުރައްކަލަކަށް ގައުމެއް ހުށައެޅިގެން ނުދާނެ. އެހެން ކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހާލަތު މިއީ ސަލާމަތީ ހިދުމަތްތަކުން ނިކުމެ މި ގައުމު ދިވެހި ރައްޔިތުންނަށް ހޯދާދޭން ޖެހޭ ވަގުތު. މިވަގުތު އަދުލްއިންސާފު ގާއިމުކޮށް ދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ދަައުލަތުގެ ސަލާމަތީ ހިދުމަތްތަކުން،"

އަބްދުއްރަހީމް ވިދާޅުވީ ގެއްްލިފައިވާ އަދުލްއިންސާފު ގާއިމުކޮށް ދިނުމަށް ސަރުކާރާއި މަޖިލީހުން އަދި ކޯޓްތަކުންވެސް މަސައްކަތް ކުރާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެން ކަމުން ރާއްޖެ އޮތް ދަތި ހާލަތުން އަރައިގަތުމަށް ސިފައިންނާއި ފުލުހުންގެ ކޮނޑުގައި އެޅިފައިވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަދުލްއިންސާފު ގެއްލި، ދިވެހިންގެ މިނިވަން ކަމާއި އިސްލާމް ދީނަށް ގޮންޖެހުން ކުރިމަތި ކުރުވާފައިވާއިރު މިއީ ރައްޔިތުން އެކަންކަމާއި ދެކޮޅަށް ނިކުންނަންވީ ވަގުތު ކަމަށެވެ. އަދި އިންސާފު ކަށަވަރު ވަންދެން އިދިކޮޅު ކޯލިޝަނުން މަސައްކަތުގައި ދެމި ތިބޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"މަގުމައްޗަށް ނިކުންނަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ. އަޅުގަނޑު ގޮވާލަން އިންސާފު ހޯދުމަށް ދިވެހި ރައްޔިތުން މަގުތަކަށް ނިކުތުމަށް،"