އިލެކްޝަންސް ކޮމިޝަން

ނާޒިމް އިސްވެ އުފައްދަވާ ޕާޓީއަށް ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އުޝާމްގެ ނަމުގައި ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާފައިވާ ޕާޓީގެ ނަމަކީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" އެވެ.

އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އޭނާ އަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ނަމަވެސް އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހިމެނެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަން ހުށަހެޅުއްވީ 3،000 މެންބަރުންގެ ސޮއި ވެސް ހޯދުމަށްފަހު އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ނާޒިމާއި ރިޔާޒު މި ހަފްތާގައި ވަނީ އެ ބޭފުޅުން ކުރިން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އުޝާމްއާއި މެންބަރު ނަޝީދާއި އަދި މުހުސިން މަޖިލީހަށް އިންތިހާބުވީ އަމިއްލަ މެންބަރުންގެ ގޮތުގަ އެވެ.

ނާޒިމާއި ރިޔާޒު ސިޔާސީ މަސައްކަތްތަކަށް ނުކުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި އެ ދެ ބޭފުޅުންގެ ބޮޑު ހިއްސާއެއް އޮތް ކަމަށް ކުރެވުނު ތުހުމަތުތަކާއެކު އެވެ. ނާޒިމް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފަ އެވެ.

މަޖިލިސް މެންބަރަކަށް އިންތިހާބުވުމުގެ ކުރިން އުޝާމް ވަނީ ސޮލިސިޓާ ޖެނަރަލްގެ މަގާމާއި ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމު އަދާކުރައްވާފަ އެވެ.