ރައްޔިތުންގެ މަޖިލިސް

ޖޭޕީން މެންބަރުންތަކެއް ވަކިވުމުން ޕާޓީތަކަށް ބަދަލު އައި ގޮތް އިއުލާންކޮށްފި

Aug 16, 2021

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ތަކަށް ބެހިފައިވާ ގޮތަށް އައިސްފައިވާ ބަދަލުތައް މަޖިލީހުގެ ޖަލްސާގައި މިއަދު އިއުލާންކޮށްފި އެވެ.

ބަދަލުތައް އިއުލާންކޮށްދެއްވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މެންބަރުން ޕާޓީ ތަކަށް ބެހިފައިވާ ގޮތަށް އައިސްފައިވާ ބަދަލުތައް މަޖިލީހުގައި އިއުލާންކޮށްފައި މިވަނީ ޖޭޕީގެ ބައެއް މަޖިލިސް މެންބަރުން އެޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ އިދާރާ އަށް އެކަން އަންގަވާފައި ވަނިކޮށެވެ.

މިއަދު އިއުލާންކުރެއްވި ބަދަލުތަކަށް ބަލާއިރު މަޖިލީހުގައި މިހާރު ތިއްބެވީ އެމްޑީޕީގެ 65 މެންބަރުންނާއި، ޕީޕީއެމްގެ ހަ މެންބަރުންނާއި، ޖޭޕީގެ ތިން މެންބަރުންނާއި، ޕީއެންސީގެ ތިން މެންބަރުންނާއި، އެމްޑީއޭގެ ދެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި އަށް މެންބަރުންނެވެ.

ޖޭޕީން ވަކިވެވަޑައިގެންފައިވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. މި ދެ ބޭފުޅުން އިސްވެ ތިއްބަވައިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ގެންދަވަނީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މުހައްމަދު ނާޒިމާއި އަބްދުﷲ ރިޔާޒުގެ އިތުރުން އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އަބްދުލް ހަމީދު ވެސް ގެންދަވަނީ އެމްއެންޕީގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.