ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީން އެ ވާހަކަތައް ކުށްވެރިކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށް، ރައީސް ނަޝީދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަލްސާގެ ހާޒިރީއަށް ބަލާއިރު ފެންނަނީ ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ޖަލްސާ ބޮއިކޮށްޓް ކޮށްފައިވާ ކަން ކަމަށެވެ. އޭރު ތަޅުމުގައި އެ ޕާޓީގެ މެންބަރަކު ނެތުމުންނެވެ.
ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން އެ ކަން ދޮގު ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާގެ ވޯޓު ނެގި ވަގުތު ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ތަޅުމުގައި އިންނަވާނެ ކަމަށެވެ.
"މެންބަރު ކާނަލް ނާޒިމް ވޯޓު ދިން ވަގުތު އިންނަވާނީ މަޖިލީހުގެ ތަޅުމުގައި، ނަޝީދުގެ ވާހަކަ [ތިމަރަފުށި ދާއިރާގެ] މެންބަރު އަބްދުﷲ ރިޔާޒު އަދި [ކެންދޫ ދާއިރާގެ] މެންބަރު އަލީ ހުސައިން ވެސް ވަނީ ދޮގު ކުރައްވާފައި، ޖޭޕީގެ މަޖިލީހުގެ ރައީސްގެ އެ ވާހަކަފުޅު ކުށްވެރި ކުރަން،" ޖޭޕީގެ މީޑިއާ ވައިބާ ގްރޫޕްގައި އަލީ ސޯލިހް ވިދާޅުވި އެވެ.
އިއްޔެ އާއި މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ބޮއިކޮޓް ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވެ އޭނާގެ ހާލު ދެރަވުމުން ކަމަށް ބުނެ އެވެ.
ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދީފައިވާ ކަމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ. އިމްރާންގެ އެ ވާހަކައާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.