ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އާއި އެ ކައުންސިލްގެ މެންބަރު އަލީ އައްސަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ އުފައްދަން މަސައްކަތް ކުރަމުންދާ އެމްއެންޕީއަށް މެންބަރުން ހޯދުމަށް ވަރުގަދަ ކެންޕެއިނެއް ދަނީ ހިންގަމުންނެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެ ޕާޓީއަށް ސޮއިކުރެއެވެ.
އެމްއެންޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އާއި އެ ކައުންސިލްގެ މެންބަރު އަލީ އައްސަދު މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަަމަށެވެ. އެ ދެ ބޭފުޅުން ވަނީ ޕާޓީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް އެ ޕާޓީގެ އެއް ފައުންޑާ އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއާ ހަވާލު ކުރައްވާފައެވެ.
މި ދެ މެންބަރުން ގުޅިވަޑަައިގަތުމަށް ބޭއްވި ހަފްލާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކުރީގެ ޑެޕިއުޓީ އެޓާނީ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނާއި ތައުލީމީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ގެންދަވަނީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަވާއިރު މެންބަރު ނާޒިމް އާއި މެންބަރު ރިޔާޒް އާއި މެންބަރު އުޝާމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަކީވެސް އެ ޕާޓީގެ މެންބަރުންނެވެ. އެމްއެމްޕީން ބުނެފައިވަނީ އިތުރު ދެ މެންބަރަކުވެސް އެ ޕާޓީއާ އަދި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.