މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ މަސައްކަތް މަޖިލީހުގެ ތެރެއިން ފަށަން މާދަމާއިން ފެށިގެން މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީ މިއަދު ރަޖިސްޓްރީ ވެގެން ދިއުމާއެކު ޕާޓީއެއްގެ ދަރަޖަ މާދަމާއިން ފެށިގެން މަޖިލީހުގެ ތެރެއިން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ "ރިކޮގްނިޝަން" ލިބޭ ހިސާބުން ފެށިގެން އެ ޕާޓީގެ ތިން މެމްބަރުން މަޖިލީހުގައި މަސައްކަތައް ފަށާނެ ކަމަށާއި އަދި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކާއި ނާއިބު ލީޑަރެއް ހަމަޖައްސާނެ ކަމަށެވެ.
އެ ޕާޓީން ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރެވޭ ވަރަށް މުހިންމު މަސައްކަތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ކޮންކަހަލަ ކަންކަންކަމެއް. ދެން މިކަންކަމުގައި އިރާދަ ކުރެއްވިއްޔާ މަސައްކަތް ފެށިގެންދާނެ. މި އަންނަ ހަފްތާގައި އެންމެ ފުރަތަަމަ ކަމެއްގެ ގޮތުގައި ހުށަހެޅިގެން މިދަނީ ބަޖެޓު. ބަޖެޓުގައި ވެސް އަޅުގަނޑުމެންގެ ވިސްނުން މިހިރީ ރައްޔިތުންނާ ހަަމައަށް އަޅުގަނޑުމެން ދިއުން. ރައްޔިތުން އެދެނީ ކޮންކަމެއްތޯ ބަޖެޓުގައި ހިމަނަން އަޅުގަނޑުމެން ބަލާނަން." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުުގެ ގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެވޭތޯ މަސައްކަތް ފަށައި ރައްޔިތުންގެ ބޭނުންތައް ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމުގެ ވިސްނުމެެއް ނުގެންގުޅޭ ކަމަށްވެސް ނާޒިމް މިއަދު ވިދާޅުވެ އެވެ. އެހެން ނަމަވެސް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ތަފާތު ޕާޓީއެއް ކަމަށާއި މުޒާހަރާކޮށް ފުރައްސާރަކޮށް ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ އެ. އަދި ޕާޓީން ބޭނުންވަނީ ކަމާ ބެހޭ އިދާރާތަކާ ހަމައަށް ކަންކަން ގެންގޮސްގެން ރީތި ގޮތުގައި ކޮންމެ ކަމެއްވެސް ހާސިލުކުރުން ކަމަށެވެ.
އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުން އިއްޔެ މަޖިލީހުގެ 241 ކޮމިޓީއަށް ދެއްކި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަަމަށްވާތީ އެ އެގްރިމަންޓާ ގުޅޭ މައުލޫމާތުތައް ނޭނގޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އެެހެން ނަމަވެސް އެ އެގްރިމަންޓާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާނެކަމުގެ ޔަގީންކަން ނާޒިމް މިއަދު ދެއްވި އެވެ.
ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ދައުވަތު އަރުވާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ވާހަކަތައް ދެއްކުމަށް ފަހު ޕާޓީން ވަކިގޮތެއް ނިންމާނެ ކަަމަށެވެ.