މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް ހަމަޖައްސައިފި އެވެ.
ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އުޝާމު ހަމަޖައްސާފައިވާ ކަމަށް އެމްއެންޕީން ހާމަކުރީ އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައެވެ.
ރިޔާސީ އިންތިހާބު ފެށެން 46 ދުވަހަށް ވެފައިވާއިރު އިއްޔެގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ ހަމަޖައްސާފަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓްވެސް އިއްޔެ ވަނީ ކަނޑައަޅާފަ އެވެ. މި މަގާމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.
ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.