މޯލްޑިވްސް ނޭޝަނަލް ޕާޓީ

އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ، އެކަމަށް ފިޔަވަޅެއް ނާޅާ: އެމްއެންޕީ

ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަންކަމަށް ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ފިޔަވަޅު ނާޅާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީން މިއަދު ބުނެފި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓް އަހުމަދު އުޝާމް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގާނޫނާއި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އުޝާމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ގާނޫނު އަސާސީން ކަށަވަރުކޮށްދިން ނަމަވެސް އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތުން އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށްވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމުގެ ކެމްޕޭން މެނޭޖަރު ހުސައިން އިސްމާއީލް ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ސަރުކާރުން ރޯމާދުވާލު ފާޅުގައި "ފައިސާގެ މުއާމަލާތްތައް" ހިންގަމުންދާ ކަމަށް އިސްމާއީލް ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިފަދަ ކަންކަން ބަލަން އުފައްދާފަައިވާ ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އަދާނުކުރާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.