ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ބަލިވުމުން އެކަން ގަބޫލުކުރައްވާ ކަމަށާއި ލިބުނު ނަތީޖާއާއި މެދުގައި ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ބޮޑެތި ޕާޓީތަކާއި ވާދަކޮށް އެމްއެންޕީއަށް ލިބުނު ނަތީޖާއަކީ ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހަގު ޕާޓީއަކުން ނިކުމެ އިންތިހާބުގައި ބައިވެރިވުމަކީ އެމްއެންޕީގެ މެމްބަރުންގެ ހިތްވަރާއި ޖޯޝް ދައްކުވައިދިން ކަމެއް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތު ވެސް ލިބުނު ކަމަށެވެ. އެ މައުލޫމާތުތަކުގެ އަލީގައި ރައްޔިތުން ބޭނުންވާ ގޮތް ކެމްޕޭން ތެރޭގައި ބުނެދީ ހާމަކުރެވުނު ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ކޮމަންޑޫ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫތަކެއް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަޑު އުފުލުމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ގިނަގުނަ ކަންތައް ވެގެން ހިނގައްޖެ. އެ ދާއިރާގެ ކޮންމެ ރަށަކަށް ބަލާލިޔަސް ފެންނަނީ ތަރައްގީގެ މަޝަރޫތައް ކުރިއަށްދާ ތަން. ވޭތުވެދިޔަ ތިން އަހަރު ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ތަރައްގީ އައިސްފައެއް ނުވޭ. އެކަމު މި ޕާޓީން އިންތިހާބުގައި ބައިވެރިވެ އަޑުއުފުލުމުން ސަރުކާރަށް މަޖުބުރުވީ މަސައްކަތްތައް ކުރިއަށް ގެންދަން." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންޕީން ކެމްޕޭންގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާއަށް އަމާޒުކޮށްގެން މަޝްރޫތައް ކުރިއަށް ގެންދިޔަ ގެންދިއުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަޒީފާގެ ނުފޫޒް ވެސް އިންތިހާބުގެ ތެރޭގައި އޮތް ކަމަށް ވިދާޅުވި އެވެ.
"މަޖިލިސް ރިސެސްގައި އޮއްވައި އޭސީސީގެ މެމްބަރުން މަގާމުން ވަނީ ވަކިކޮށްފައި. އަދިވެސް އޭސީސީ އަށް މެމްބަރުން އައްޔަން ނުރާތީ މި ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވޭ. އަޅުގަނޑު ގޮވާލަން ރައީސް ސޯލިހަށް ވީހާވެސް އަވަހަށް އޭސީސީއަށް އައްޔަންކުރަން މެމްބަރުންގެ ނަންތައް މަޖިލީހަށް ފޮނުވުމަށް." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން މި ފެށޭ ހަފްތާގައި އަތޮޅުތެރެއަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އެތެރޭގެ އިންތިހާބާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޕްރައިމަރީ މި އަހަރުގެ ތެރޭގައި ބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.