"ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އެމްއެމްޕީއާރުސީއިން ފަށައިފި އެވެ.
މި މުބާރާތް މިއަދު އިފްތިތާހު ކޮށްފައިވާ އިރު، މުބާރާތް އެއްމަސް ދުވަހަށް ކުރިއަށް ދާނެ އެވެ. އަދި މި މުބާރާތުގައި ބޭނުން ކޮންމެ ފަރާތަކަށް ބައިވެރި ވެވޭނެ އެވެ.
ކުރެހުން ބޭނުންކޮށްގެން ސޯޝަލް މީޑިއާ މެދވެރިކޮށް ރާއްޖެ އިސްތިހާރު ކުރަން ފަށާފައިވާ މި މުބާރާތުގައި ރާއްޖޭގެ ކުރެހުންތެރިންގެ އިތުރުން ބޭރުގެ ކުރެހުންތެރިންނަށް ވެސް ބައިވެރި ވެވެއެވެ. ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ބިނާކޮށް އުފައްދާ ކުރެހުންތައް ތިން މީޑިއަމްއެއްގައި ހުށައެޅޭނެ އެވެ. އެއީ ޕެއިންޓިންގު، ޑިޖިޓަލް އާޓް އަދި މިކްސްޑް މީޑިއާ އެވެ.
މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކުރެހުން ތަކުން ދިވެހި ކުރެހުންތެރިންގެ ހަ ކުރެހުމެއް އަދި ބޭރުގެ ކުރެހުންތެރިންގެ ހަ ކުރެހުމެއް ހޮވާ އެ ކުރެހުންތައް ސޯޝަލް މީޑިއާގައި ދައުރުކޮށް ލިބޭ ލައިކްސްއިން 50 ޕަސެންޓް ސްކޯ އަދި ޖަޖުންގެ 50 ޕަސެންޓް ސްކޯ އަށް ބިނާކޮށް ވަނަ ހޮވާނެ އެވެ.
ދެ ކެޓަގަރީން ވެސް އެއްވަނަ އާއި ދެވަނަ ހޮވާނެ އެވެ. އެއް ވަނަޔަށް ދާ ފަރާތްތަށް 3000 އެމެރިކާ ޑޮލަރުގެ ދޭ އިރު ދެވަނަޔަށް ދާ ފަރާތްތަކަށް 2000 އެމެރިކާ ޑޮލަރުގެ ދޭނެ އެވެ.
އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި މި މުބާރާތުގައި ބައިވެރިވާން ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.