ވިޔަފާރި

ރަޝިއާ އާއި ސީއައިއެސް ރީޖަންގެ ނޫސްވެރިން ރާއްޖެއަށް

Feb 12, 2021

ރާއްޖޭން ދައުވަތު ދީގެން، ރަޝިއާ އާއި ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) ރީޖަންގެ ނޫސްތަކުގެ ޗީފް އެޑިޓަރުންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ ޒިންމާ އުފުލާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރާ މަސައްކަތުގެ ދަށުން އެކި މާކެޓުތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ފެމިލިއަޒޭޝަން ޓްރިޕްތަކުގެ ތެރެއިން ސީއައިއެސް އާއި ރަޝިއާ ސަރަހައްދަށް މި އަހަރު ބާއްވާ ފުރަތަމަ ޓްރިޕުގައި ނޫސްވެރިން ގެނެސްފައިވާ ކަމަށެވެ.

ފުރަތަމަ ނޫސްވެރިން ގެނެސްފައި ވަނީ ކަޒަކިސްތާނުން މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ކަރަކިސްތާނުން ގެނައި މީޑިއާ ޓީމް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ ލިޔުންތައް ބިނާ ކުރާނީ ރާއްޖޭގެ ރައްކާތެރިކަމާއި ރާއްޖޭގެ ލަގްޒަރީކަން އަދި ތިމާވެށީގެ މައްޗަަށެވެ. މި ދަތުރުގައި ބައިވެރިވެފައިވަނީ ފޯބްސް އާއި ކޮސްމޯ ޕޮލިޓަން އަދި އެސްކުއާ އާއި ހާޕާސް ބާޒާރު ފަދަ ނޫސްތަކުގެ ޗީފް އެޑިޓަރުންނެވެ.

އެމްއެމްޕީއާރްސީން ބުނީ މީޑިއާ ޓީމުގެ ހުރުން ހަމަޖައްސާފައި ވަނީ ޝެރެޓަން މޯލްޑިވްސް ފުމްލޫން ރިސޯޓުގެ އިތުރުން ކުރަަމަތި ރިސޯޓުންނެވެ. ސިލްސިލާ މި ދަތުރުގައި ރަޝިއާއިން ޒިޔާރަތް ކުރި ނޫސްވެރިންގެ ޓީމް ރާއްޖެ އައީ އިއްޔެ އެވެ.

ސަރުކާރުން ވަނީ ރާއްޖެ ޕްރޮމޯޓް ކުރަން 10 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެއް ދީފަ އެވެ. ނަމަވެސް މި ބަޖެޓުން ރާއްޖެ ޕްރޮމޯޓް ކުރަން ކުރާ މަސައްކަތްތަކާމެދު އިންޑަސްޓްރީން ގިނަ ޝަކުވާ ތަކެއް ކުރެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ ހިމެނޭ ސަރަހައްދުންނެވެ.