ވިޔަފާރި

ރޯޑްޝޯތަކާއެކު ރާއްޖޭން މި އަހަރު 44 ފެއާއަކަށް

ރޯޑްޝޯވް ތަކާއެކު ރާއްޖޭން މި އަހަރު 44 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާން ނިންމައި، ފެއާގެ ލިސްޓު އާއްމުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އާއްމު ކުރި ޓޫރިޒަމް ފެއާ ލިސްޓުގައި ރޯޑްޝޯތަކާއެކު ފެއާތައް ހިމެނެ އެވެ. ފެއާ ލިސްޓުގައި ދުނިޔޭގެ މަަޝްހޫރު ބޮޑެތި ފެއާތައް ވެސް ހިމެނެ އެވެ.

ރާއްޖޭން އަންނަ މަހު ތިން ފެއާއެއްގައި ބައިވެރި ވާނެ އެވެ. ފުރަތަމަ ބައިވެރިވާނީ މާޗް 16 އިން 18 އަށް މޮސްކޯގަ އެވެ. އަދި ދެން މާޗް 22 ވަނަ ދުވަހު އިންޑިއާގައި އޮންނަ ސަޓޭ ރޯޑްޝޯގަ އެވެ. އަދި 24 ވަނަ ދުވަހު ވެސް އިންޑިއާގައި އޮންނަ ރޯޑްޝޯއެއްގައި ބައިވެރިވާނެ އެވެ.

މި އަހަރު ރާއްޖޭން ބައިވެރިވާ މަޝްހޫރު ފެއާތަކުގެ ތެރޭގައި މެއި 16 އިން 19 އަށް ޔޫއޭއީގައި އޮންނަ އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާ އާއި ސްޕޭންގެ ފިތޫރު ފެއާ އަދި ދުބާއީގެ އެކްސްޕޯ 2021 ގެ އިތުރުން ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގެ އިތުރުން އައިޓީބީ އޭޝިއާ އާއި ޑަބްލިއުޓީއެމް ލަންޑަން އައިޓީބީ ޗައިނާ ފެއާ އެވެ.

އެމްއެމްޕީއާރުސީ އިން މި އަހަރުގެ ޓޫރިޒަމް ފެއާގެ ލިސްޓު އާއްމު ކުރިއިރު ރާއްޖޭން އިންތިޒާމު ކުރާ ގިނަ ރޯޑްޝޯ ތަކެއް ވެސް ހިމެނެ އެވެ. ޓޫރިޒަމް ވިޔަފާރިތައް ބައްދަލުވާ ގޮތަށް ބާއްވާ ރޯޑްޝޯތައް ބާއްވަނީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާ އާއި ރަޝިއާގަ އެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ވެސް ރޯޑްޝޯތައް ބާއްވާނެ އެވެ.

ރާއްޖެ އިސްތިހާރު ކުރަން ސަރުކާރުން މި އަހަރު ވެސް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް އެމްއެމްޕީއާރުސީން ދީފައިވެ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އިސްތިހާރު ކުރަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.