ޓެކްނޯލޮޖީ

ޖަޕާނުން އިންޓަނެޓް ސުޕީޑް ރިކޯޑު މުގުރާލައިފި

ޖަޕާންގެ ރިސާޗަރުންތަކެއް ދުނިޔޭގެ އިންޓަނެޓް ސުޕީޑްގެ ރިކޯޑް މުގުރާލައިފި އެވެ.

އޮޕްޓިކަލް ފައިބާ ބޭނުން ކޮށްގެން ކުރި މި މަސައްކަތުން މި ރިސާޗަރުން ވަނީ ސިކުންތަކު 319 ޓެރަބިޓްގެ ސްޕީޑްގައި 3001 ކިލޯމިޓަރު ދުރަށް ޑާޓާ ފޮނުވާފަ އެވެ. އަދި މި ރިސާޗް ޓީމް ގެ ލީޑް ބެންޖަމިން ޖޭ ޕަޓްމަން ބުނި ގޮތުގައި މި މަސައްކަތުގައި ގިނަ އާ އުފެއްދުން ތަކެއް ބޭނުން ކުރަން ޖެހުނު ކަމަށެވެ.

މިކަމުގައި ހަތަރު "ކޯ" ހިމެނޭ އޮޕްޓިކަލް ފައިބާ ކޭބަލާއި އެކު ގިނަ އެމްޕްލިފަޔާ ތަކެއް ބޭނުން ކޮށްފައި ވެއެވެ. މިކަމުގައި ބޭނުން ކުރި ކޭބަލަކީ އެ ކަމަށް ހާއްސަކޮށް އުފައްދާފައިވާ ކެބަލްތަކެއް ކަމަށްވެސް ބެންޖަމިން ބުންޏެވެ.

ބެންޖަމިން ބުނިގޮތުގައި މިހާރު އެ ޓީމުން ދަނީ އިތުރަށް މި ޓެކްނޮލޮޖީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފަހަރު ޓެސްޓް ކުރި ވަރަށް ވުރެ ދުރު ހިސާބު ތަކަށް މިއަށް ވުރެ މަތީ ސުޕީޑް ތަކުގައި ޑާޓާ ޓްރާންސްފާ ކުރެވޭނެ ގޮތް ހެދުމެވެ. މި ރިސާޗް ގެ ތެރެއިން އެ ޓީމުން ދަނީ ކަނޑު ހުރަސްކޮށް ވެސް މި ސްޕީޑް ތަކުގައި އިންޓަނެޓް ބޭނުން ކޮށްގެން ޑާޓާ ޓްރާންސްފާ ކުރެވޭނެ ގޮތް ހޯދަމުންނެވެ.

މި ރިސާޗް ޓީމުން ބުނި ގޮތުގައި މޮބައިލް ކޮމިއުނިކޭޝަންގެ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ ސަބަބުން 6ޖީ މޮބައިލް ނެޓްވޯކް އުފެއްދުމަށް ގިނަ ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށް ވެސް މި ޓީމުން ބުނެފައި ވެއެވެ.