ޓެކްނޯލޮޖީ

ޔޫޓިއުބުން ކޭބަލް ޓީވީގެ ހިދުމަތް ދޭން ތައްޔާރުވަނީ

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ކޭބަލް ޓީވީގެ ހިދުމަތް ދޭން ތައްޔާރުވާން ފަށައިފި އެވެ.

ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން ޔޫޓިއުބުން ވަނީ ބައެއް މީޑިއާ ކުންފުނިތަކާއި ކޮންޓެންޓް އުފައްދާ ފަރާތްތަކާ މަޝްވަރާކޮށްފަ އެވެ.

މި ހިދުމަތް ޓެސްޓްކުރުމުގެ ގޮތުން ޔޫޓިއުބުން މިހާރު ދަނީ މި ހިދުމަތް ބައެއް މީހުންނަށް ދެމުންނެވެ.

ކޭބަލް ޓީވީގެ ހިދުމަތުން އިސްތިހާރު ދައްކައިގެން ދައިދާ ހޯދަން ޔޫޓިއުބުން ވަނީ ނިންމާފަ އެވެ. ޓެސްޓް މަރުހަލާގައި ހިދުމަތް ހޯދާ މީހުންނަށްވެސް މި އިސްތިހާރުތައް ފެންނާނެ އެވެ.

ޓެސްޓް މަރުހަލާއަށްފަހު މިއަހަރުގެ ފަހުކޮޅު ހިދުމަތް ތައާރަފުކުރުމާށް ޔޫޓިއުބުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އާންމުކޮށް ހުރިހާ ގައުމުތަކަށް ނުވަތަ ވަކި ސަރަހައްދުތަކަށް ދޭ ހިދުމަތެއް ކަމެއް ޔޫޓިއުބުން އަދި ހާމައެއް ނުކުރެ އެވެ.

ޔޫޓިއުބަކީ އާންމުން އިންޓަނެޓްގައި ވީޑިއޯ ހިއްސާކުރުމަށް ބޭނުންކުރާ އެންމެ ބޮޑު ޕްލެޓްފޯމެވެ.

ލޭޓް-ނައިޓް ޓޯކް ޝޯތަކާއި ނޫސް މަޖައްލާތަކުގެ ޕްރޮގްރާމްތަކާއި އެޗްބީއޯގެ ބައެއް ޕްރޮގްރާމްތައްވެސް ޔޫޓިއުބް މެދުވެރިކޮށް މިހާރު ބަލާލެވެ އެވެ.

ޔޫޓިއުބުން މިދިޔަ މާޗް މަހު ވަނީ 1،500އަށްވުރެ ގިނަ ލައިސަންސް ފިލްމާއި ޓީވީ ޝޯތައް ބަލާލުމުގެ ފުރުސަތު ދޭނެކަން އިއުލާނުކޮށްފަ އެވެ. އޭގެ ފަހުން ޔޫޓިއުބުން ވަނީ "ޔޫޓިއުބް ޕްރައިމްޓައިމް ޗެނެލްސް" ތައާރަފުކޮށްފަ އެވެ.

މި ހިދުމަތުން 85އަށްވުރެ ގިނަ ޗެނަލް މަހަކު 65 ޑޮލަރަށް ބަލާލެވެ އެވެ. އޭގެ ތެރޭގައި ޕެރަމައުންޓް+، ޝޯޓައިމް އަދި އޭއެމްސީ+ ހިމެނެ އެވެ. މި ހިދުމަތްވެސް އަންނަ އަހަރު އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފަ އެވެ.