ފޭސްބުކް ބޭނުންކުރާ 500 މިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހެކަރުން ލީކު ކޮށްލައިފި އެެވެ. ލީކުކުރި މައުލޫމާތުގެ ތެރޭގައި ފުރިހަމަ ނަން، ފޭސްބުކް އައިޑީ، ފޯނު ނަންބަރު، އުޅޭތަން، އުފަންދުވަސް، ވަރިކައިވެނި އަދި އީމެއިލް އެޑްރެސް ހިމެނެ އެވެ.
ފޭސްބުކް ބޭނުންކުރާ މިހާ ގިނަ ބައެއްގެ މައުލޫމާތު ލީކުވުމުން މިފަހަރު ވެސް ފެންނަން އޮތީ ފޭސްބުކް ހިންގުމުގައި ހަރުދަނާ ސިޔާސަތެއް ނެތް ކަމެވެ. ފޭސްބުކުގެ ބޮލުގައި އަޅުވަން ދެން އޮތް އިލްޒާމަކީ ހެކަރުންނާ ގުޅިގެން ޒާތީ މައުލޫމާތުން ވިޔަފާރިކުރާ ކަމަށް ބުނުމެވެ.
އިންޓަނެޓަށް ލީކުކޮށްފައި ހުރި މައުލޫމާތު 106 ގައުމަކަށް ނިސްބަތްވެ އެވެ. ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. ދިވެހިރާއްޖޭގެ 86،337 މީހެއްގެ މައުލޫމާތު ހުރީ އާންމުކޮށްފަ އެވެ. އަދި ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކޮށްލާފަ އެވެ.
ހެކަރުން ލީކުކުރި މައުލޫމާތަކީ މާކުރީގެ އެއްޗެއް ކަމަށް ފޭސްބުކުން ބުނެ އެވެ. މާ ކުރިއޭ އެބުނަނީ 2019 އަށެވެ. މި ހިސާބުން ފޭސްބުކަކީ ކުށެއް ނެތް ބަޔަކަށްވީ އެވެ. އެކަމަކު ހަގީގަތަކީ ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރޭގައި ލީކުކުރި މައުލޫމާތުގެ ވެރިން މިހާރު ހިމެނޭކަމެވެ. ހަމަ އެނަމުގައި، އެއައިޑީ އަދި ހަމަ އެ ފޯނު ނަންބަރު ބޭނުންކުރާ ކަމެވެ.
ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމުގައި ފޭސްބުކް ވަނީ ފެއިލްވެފަ އެވެ. މިއީ ހަގީގަތުގައި ފޭސްބުކަށް ނުވެގެން އުޅޭ ކަމެކެވެ.
ދުރުނޫން ކައިރި މާޒީއެއްގައި، 2018 ގައި، ފޭސްބުކުން ވަރަށް މޮޅުކަމެއް ކަމަށް ބަލައި ފޯނު ނަންބަރު ބޭނުން ކޮށްގެން ފޭސްބުކުބް ބޭނުންކުރާ މީހުން ނުހޯދޭ ގޮތް ހެދި އެވެ. މިބަދަލު ގެނައީ "ކެމްބްރިޖް އެނަލީޓިކާ" އިން ފޭސްބުކް ބޭނުންކުރާ 87 މީހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް އަމިއްލަ ބަހުން އިގުރާރުވުމާ ގުޅިގެންނެވެ.
ޑިސެމްބަރު 2019 ގައި ޔުކްރޭންގެ ސެކިޔުރިޓީ ރިސާޗަރަކު ފޭސްބުކް ހެކްކުރި ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ފޭސްބުކު ބޭނުންކުރާ 267 މިލިއަން މީހުންގެ ނަމާއި، ފޯން ނަންބަރު އަދި އައިޑީ އޭނާގެ އަތުގައި ހުރި ކަމަށެވެ. މިއީ ކެމްބްރިޖް އެނަލީޓިކާގެ ހާދިސާއަށް ފަހު ހިނގި ކަމެކެވެ. މިފަހަރު ލީކުކޮށްގެން އުޅެނީ ޔުކްރޭންގެ ރިސާޗަރާ ގުޅުން ހުރި މައުލޫމާތަށް ވެދާނެ ކަމަށް ވެސް އެބަ ބުނެވެ އެވެ.
ފޭސްބުކަކީ އަޑުއަހާލަން ރިތި ނަމެކެވެ. ތަހުޒީބީ ވެއްޓެކެވެ. ބިނާ ކުރުމާއި ފަނާކުރާ މާހައުލެކެވެ. ގައުމުތަކުގައި ހަމަނުޖެހުން ހިންގަން މަގުފަހިކޮށް ދޭ ޖަމާއަތެކެވެ. ވެރިންނާ ދެކޮޅަށް ނިކުމެ ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އެހީތެރިވެދޭ ކުންފުންޏެކެވެ. އިލެކްޝަންތައް އޮޅުވާލާނެ ގޮތްފޮތް މީހުންގެ ބޮލަށް ފިސާރި ރަނގަޅަށް ވައްދައިދޭ ބައެކެވެ.