ދުނިޔެ

ޕިކްސެލްގެ ކޯލް އަންނަކަން ނޭނގި ކެނޑެނީ

ގޫގުލް ޕިކްސެލް ފޯނުތަކަށް -- ޕިކްސެލް 6 އަށް ފޯންކޯލް އަންނަކަން ނޭނގި ކަނޑައިގެންދާ މައްސަލަ ބޮޑުވު ރެޑިޓްއަށް ބާރު ބޮޑުވެއްޖެ އެވެ.

ފޯނުގެ ވެރިންގެ ކޮންޓެކްޓް ލިސްޓުގައި ހިމެނޭ މީހުން ކުރާ ކޯލްތައް ވެސް، ފޯން ބޭނުންކުރާ މީހުންނަށް ނޭނގި ބައެއް ފަހަރު ކަނޑައިގެން ދާކަން ވަނީ ރެޑިޓުން ފާހަގަ ކޮށްފަ އެވެ. އަދި އެފަދަ ކޯލްތަކަކީ ދުވަހަކު ވެސް ކުރި ކޯލެއްކަން އެނގޭ ގޮތެއް ވެސް ނޯވެ އެވެ.

މިއީ ޕިކްސެލް 6 ގައި އުޅޭ ބަގެއް ކަމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ. މިކަމުގައި އޮތް ނުރައްކަލަކީ ކޯލު ރިންގު ނުވެ ކަނޑައިގެން ދިއުމުގެ އިތުރުން މިސްޑް ކޯލް ނުވަތަ އޮޓަމެޓިކުން ޖާވާބު ދެފައި އޮތް ކޯލެއްކަން އެނގެން ވެސް ނެތުމެވެ.

ރެޑިޓްގައި ބުނެފައިވާ ގޮތުން މި ބަގު އުޅޭކަން ކޮންމެ ފަހަރަކު، ކޮންމެ ކޯލަކުން ނޭނގެ އެވެ. އަދި ބައެއް ފަހަރު "ޑިކްލައިންޑް"، ޖަވާބުދޭން ބޭނުން ނުވެގެން ކަނޑާލާފައިވާ ކޯލެއް ގޮތުގައި، އެ ކޯލެއް ފެންނަން އޮވެ އެވެ.

ޕިކްސެލް 6 ބޭނުންކުރާ ބައެއް މީހުން ބުނާ ގޮތުން މި މައްސަލަ މެދުވެރިވަނީ ފޯނުގެ ސެޓިން، ފޯން ބޭނުންކުރާ މީހާ އެދޭ ކޮންމެވެސް ގޮތަކަށް ބަދަލު ކުރުމުންނެވެ. އެއީ ފަހަރެއްގައި "ޑް ނޮޓް ޑިސްޓާބް" ފީޗާ ސެޓް ކުރެވޭ ގޮތަކުން ވެދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަދި "ޑް ނޮޓް ޑިސްޓާބް" އޮޓަމެޓިކުން ޖެހޭ ގޮތަށް ސެޓިން ހަދާފައި ހުއްޓައި، އަދި އެ ފީޗާއަށް ފޯނު ސެޓްވެފައި އޮއްވައި ފޯން ކޯލެއް އައުމުން ވާގޮތެއް ކަމަށް ވެސް ބައެއް މީހުން ކިޔައިދީފައި ހުރެ އެވެ.

މި މައްސަލަ ހައްލު ކުރަން އޮތް ގޮތަކީ "ޑް ނޮޓް ޑިސްޓާބް" ސެޓް ކުރުމުގައި ވަކި ކޯލުތަކަކަށް ހުއްދަދިނުން ނުވަތަ އެއްވެސް ކޯލަކަށް ހުއްދަދިންކަން ހަނދާނުގައި ބެހެއްޓުމެވެ. އެވަރުން ވެސް މައްސަލަ އުޅޭ ނަމަ "ގޫގުލް ފޯން އެޕް" އަލުން އިންސްޓޯލް ކުރުމަކީ ވެސް ހައްލަކަށް ވެދާނެ ކަމަށް ބުނެފައި ވެއެވެ.