ދުނިޔެ

ސެމްސަންގް ފޯނުތަކަށް އީވީ ބެޓެރީ ޓެކްނޮލޮޖީ

ސެމްސަންގެ ގެލަކްސީ ފޯނުތަކަށް އެލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީ ޓެކްނޮލޮޖީ ތައާރުފު ކުރަނީ އެވެ. ބޭނުމަކީ ބެޓެރީ ބާރު ގިނައިރު ދެމެހެއްޓުމެވެ.

ސެމްސަންގް ގެލަކްސީ ފޯނުތަކާ ބެހޭ ގޮތުން ފަހަކަށް އައިސް ތަފާތު ވާހަކަތައް އެބަ ދެކެވެ އެވެ. ގެލަކްސީ ފޯނުތަކަށް މުޅިން ހާއްސަ ޕްރޮސެސާއެއް އުފައްދަން މަސައްކަތްކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގެލަކްސީ ސްމާޓްފޯން މަރުކާގައި ކުރިއަށް ހުރި މޮޑެލްތަކަށް އީވީ ބެޓެރީ ޓެކްނޮލޮޖީ ތައާރުފު ކުރާނެ ކަމަށް ސެމްސަންގުން ބުނެ އެވެ. މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ފަހުގެ ގެލަކްސީ ފޯނުތަކަށް ވުރެ 10 ޕަސެންޓް ޗާޖު އަލަށް ތައާރުފުކުރާ ބެޓެރީތަކަށް އިތުރު ކުރެވޭނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.

ސެމްސަންގުން ބުނީ ބެޓެރީ ބާރު ދެމެހެއްޓުމަށް ފޯނުތަކުގެ ބެޓެރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. އެއީ އެންމެ ފަހުން ތައާރުފުކުރި ގެލަކްސީ އެސް22 އަލްޓްރާއަށް ވުރެ ވެސް ބެޓެރީ ކުޅަދާނެ ނިޒާމެއް ކަމަށް ވަނީ ބުނެފަ އެވެ.

ގެލަކްސީ މަރުކާތަކަށް އީވީ ޓެކްނޮލޮޖީ މުޅިން އާ ކަމަށް ވެސް ކުންފުނިން ބުނެ އެވެ. އަދި ބުނީ ސައުތު ކޮރެއާ އާއި ޗައިނާގައި މިހާރު ވެސް ބެޓެރީތައް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ.

އެޕަލް ޑިވައިސްތަކުގައި ބެޓެރީ ބާރު ދެމެހެއްޓުމަށް އާ ޑިޒައިންތައް ބޭނުން ކުރެވެ އެވެ. އެހެން ނަމަވެސް ސެމްސަންގް އީވީ ޓެކްނޮލޮޖީ މާބާރުގަދަ ވާނެ ކަމަށް ބުނެވެ އެވެ.