ދުނިޔޭގެ އާބާދީގެ 60 ޕަސެންޓް -- ގާތްގަނޑަކަށް ފަސް ބިލިއަނަށް ވުރެ ގިނަ މީހުން -- ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޑިޖިޓަލް އެޑްވައިޒަރީ ފާމެއް ކަމަށްވާ ކެޕިއޯސް އިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފާއިތުވި އަހަރަށް ވުރެ މިއަހަރު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދު 3.7 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އަދަދު ދާދި އަވަހަށް 5.19 ބިލިއަނަށް އަރާނެ ކަމަށްވެސް އެ ފާމުން ވަނީ ބުނެފަ އެވެ. އެއީ ދުނިޔޭގެ މުޅި އާބާދީގެ 64.5 ޕަސެންޓް ކަމަށްވެސް ރިޕޯޓްގައި ވެެއެވެ.
ދުނިޔޭގެ ބައްރުތަކަށް ބަލާއިރު ސޯޝަލް މީޑިއާ ބޭނުންކުރާ އަދަދު ތަފާތު ބޮޑެވެ. އިރުމަތީ އަދި މެދުތެރޭ އެފްރިކާގައި ސޯޝަލް މީޑިއާ ބޭނުންކުރާ ނިސްބަތް ހުރީ ކޮންމެ 11 މީހަކުން އެކެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެންމެ އާބާދީ ގިނަ އިންޑިއާގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ނިސްބަތަކީ ކޮންމެ ތިން މީހަކުން އެކެއް ކަމަށްވެސް ރިޕޯޓްގައި ވެއެވެ.
މީގެ އަހަރުތަކެއް ކުރީގައި ސޯޝަލް މީޑިއާގައި މީހުން ހޭދަކުރާ ވަގުތާ އަޅާ ބަލާއިރު މިހާރު މީހުން ހޭދަކުރާ ވަގުތު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ.
އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ މީހުންނާ ގުޅޭ ކޮންޓެންޓްތައް އިތުރުވުމާއި -- އޮންލައިންކޮށް ގަނެ ވިއްކުމާއި ފެޝަން އަދި ތައުލީމީ ފުރުސަތަތުތައް އިތުރުވުމެވެ.
އެންމެ ގިނައިން މީހުން ބޭނުންކުރާ ޕްލެޓްފޯމްތައް ގޮތުގައި ފާހަގަކޮށްފައި ވަނީ ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް އެވެ.
ޗައިނާގައި ވީޗެޓާއި، ޓިކްޓޮކް އަދި ޓިކްޓޮކްގެ ޗައިނާއަށް ހާއްސަ އެޕްލިކޭޝަން ވެސް ހިމެނެނީ އެންމެ ގިނައިން މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގަ އެވެ.
ޓްވިޓާ، މެސެންޖާ އަދި ޓެލެގްރާމް އަކީ އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށް ވެސް ރިޕޯޓްގަައި ވެއެވެ.