ޓެކްނޯލޮޖީ

މިއަހަރު އެންމެ އާންމު ވެބް ބްރައުޒާއާ މެދު ކުރެވޭ ބަހުސް

މިއަހަރު އެންމެ އާންމު އަދި މަޝްހޫރު ވެބް ބްރައުޒާއަކީ ކޮބައިކަން ނޭނގިގެން އެކަކު ވެސް ނޫޅެ އެވެ. އެހެންވެ އިތުރު ބަހުސަކަށް މިހިސާބުން ބޭނުމެއް ނުވެ އެވެ. ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ބޭނުންކުރާ މީހުން އެންމެ ގިނައިން ބޭނުން ކުރަނީ ގޫގުލް ކްރޯމް އެވެ. މޮބައިލް ޑިވައިސްތަކުގައި އެޕަލް ސަފާރީ އެވެ.

މިއީ ދުނިޔޭގެ ތަފާސްހިސާބުތައް ދައްކާ ގޮތެވެ. ދިވެހިރާއްޖޭގައި އަހަރެމެންގެ ތެރޭގައި ވިންޑޯޒް ޑެސްކްޓޮޕް އާއި މޮބައިލް އަދި ސްމާޓްފޯންތަކުގައި ވެސް އެންމެ އާންމީ ކްރޯމް އެވެ. އެހެން ނަމަވެސް ތާނަ ވެބްސައިޓްތައް ކްރޯމްއިން ބްރައުޒް ކުރުމުގައި އެއްއަކުރުގެ މައްޗަށް އަނެއް އަކުރު އަރައި މަސްހުނިވެފައި ހުންނާތީ ކްރޯމްއާ މެދު ހިތްހަމަނުޖެހުން އޮވެ އެވެ.

ހަގީގަތުގައި ތާނަ ވެބްސައިޓްތަކަށް މިހެންވަނީ ކްރޯމުން އެކަންޏެއް ނޫނެވެ. ކްރޯމިއަމް ބިންގަލެއްގައި އުފައްދާފައި ހުރި ހުރިހާ ބްރައުޒާއަކުން ވެސް ތާނަ އަކުރުތަކަށް މިހެންވެ އެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓް އެޖް، އޮޕެރާ، ސެމްސަންގް އިންޓަނެޓް އަދި އިތުރު ބްރައުޒާތައް ހިމެނެ އެވެ. ތާނަ ވެބްސައިޓްތަކަށް އެންމެ ފައްކަލީ ފަޔާފޮކްސް އެވެ.

މޮޒިއްލާ ފަޔާފޮކްސް އަކީ އެއްއިރެއްގައި މަޝްހޫރުކަން ހޯދި ވެބް ބްރައުޒާއެއް ނަމަވެސް ދުނިޔޭގެ ލިސްޓުން ފެންނަނީ ސޮހޭ ތަނެވެ.

މޮބައިލް ބްރައުޒާ މާކެޓްގައި ވާދަވެރި ބްރައުޒާތައް ވަރަށް ގިނަ އެވެ. އެކި މީހުންނަށް ކަމުދަނީ އެކި ބްރައުޒާ އެވެ. އަސަރަކާ ފޮނިކަމެއް އެހެން ބްރައުޒާތަކުގައި ހުއްޓަސް އޮޕެރާއަކީ ދޫކޮށްލަން ދަތި ބްރައުޒާއެކެވެ. ކޮމްޕިއުޓަރާއި ސްމާޓްފޯން ގުޅުވާލައި މަސައްކަތްކުރަން ހާދަ ފަސޭހަ އެވެ.