ދުނިޔެ

ސެމްސަންގް ފޯނުތައް ގިނަ، ފައިދާބޮޑީ އެޕަލްއަށް

ސެމްސަންގުން ސްމާޓްފޯން މާކެޓަށް ނެރޭ ފޯނުތައް އެހެން އެއްވެސް ކުންފުންޏަކަށް ވުރެ ގިނަ އެވެ. ސެމްސަންގު އުޅެނީ ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ ނިސްބަތުން ވަރަށް ކުރީގަ އެވެ. އެހެން ނަމަވެސް ސްމާޓްފޯން ވިޔަފާރިން އެންމެ ބޮޑު ފައިދާއެއް ހޯދަނީ އެޕަލުންނެވެ.

ދުނިޔޭގައި ކޮވިޑް ފެތުރިގަތުމާ ގުޅިގެން ސްމާޓްފޯން ވިޔަފާރި އަޑިއަޅާލި އެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ޚިލާފަށް ވިޔަފާރި ކޮޅަށްޖަހަން ކުންފުނިތަކުން ގިނަ ދުވަސްތަކެއް ނުނަގަ އެވެ.

ސްމާޓްފޯން / ސްމާޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތަކަށް ކޮވިޑަށް ފަހު ދިވާމި އަނެއް މައްސަލައަކީ ދުނިޔޭގ މާކެޓުން ސެމީކޮންޑަކްޓަރު، މައިކްރޮޗިޕް އުފައްދަން ބޭނުންކުރާ ބައެއް ވައްތަރުތައް މަދުވުމެވެ. މި މައްސަލައަށް ވެސް މިހާރު ދެމެހެއްޓެވި ހައްލެއް އޮތް ކަމަށް އެބަ ފެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސްމާޓްފޯން އެންމެ ގިނައިން ބާޒާރަށް ނެރުނު ސެމްސަންގް އޮތީ 23 ޕަސެންޓްގަ އެވެ. އެޕަލް 12-15 ޕަސެންޓްގަ އެވެ. ޝޯމީއަށް 14 ޕަސެންޓް އެވެ. ވީވޯ އަދި އޮޕޯއަށް ވެސް ނުވަ ޕަސެންޓް އެވެ. ވާވޭ ފެންނާކަށް ނެތެވެ.

ސްމާޓްފޯން ވިޔަފާރިން އެޕަލް ފައިދާ ހަދާ ގޮތެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެންމެ އަގު ބޮޑުކޮށް ފޯނު ވިއްކަނީ އެޕަލުން ކަމެވެ. އައި އައިފޯނަކީ އެޕަލް ނޫން ބަޔަކަށް އުފެއްދޭ ފޯނަކަށް ނުވުމަކީ ވެސް ފައިދާ އިތުރުވާ ސަބަބެކެވެ.

އެންޑްރޮއިޑް މާކެޓްގައި ފޯނު އުފައްދާ ކުންފިނިތައް ގިނަ އެވެ. އެހެން ކަމުން އަޅާކިޔުމުގައި އެޕަލް ފައްތަން ޖެހޭނީ އެހެން ކެޓަގަރީއަކަށެވެ.

ސެމްސަންގަކީ ހުރިހާ ދަރަޖައެއްގެ ފޯނު އުފައްދާ ކުންފުންޏެކެވެ. އެމީހުން ބޮޑަށް ވިސްނަނީ ފައިދާއަށް ވުރެ މީހުންނަށް އެހީތެރި ވުމަށެވެ. އަގު ބޮޑުވުމުގެ ސަބަބުން ސްމާޓްފޯނެއް ބޭނުންކުރަން ނުލިބޭ މީހުންނަށް ފޯނެއް ފޯރުކޮށް ދިނުމަކީ ލަނޑުދަނޑި ކަމަށް ސެމްސަންގް ބަލަ އެވެ.

އެޕަލުން އަމަލު ކުރަނީ މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ނުބަލައި ކުންފުނީގެ ފައިދާއަށް ވިސްނައިގެން ފޯނު އުފެއްދުމުގެ ސިޔާސަތަކަށެވެ.