ދުނިޔެ

ޕިލިޕީންސް ސްޓާލިންކްއަށް ހުއްދަދީފި

ޕިލިޕީންސްގެ ޓެލެކޮމްސް ރެގިއުލޭޓަރުން އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ސެޓެލައިޓް ޚިދުމަތް، ސްޓާލިންކްއަށް ލައިސަންސް ދޫކޮށްފި އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން އިންޓަނެޓްގެ މައްސަލަތައް ވަރަށް ބޮޑު ޕިލިޕީންސްއަށް ސްޓާލިކްގެ ސަބަބުން ނޭވާލާނެ ފުރުސަތު ލިބޭނެ އެވެ.

ނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ކޮމިޝަނުން (އެންޓިސީ) ބުނާ ގޮތުން ސްޓާލިންކަށް ހުއްދަ ދިނީ އެހެން ކުންފުންޏެއް މެދުވެރި ނުކޮށް ވެސް ޚިދުމަތްދެވޭ ގޮތަށެވެ. އެހެންކަމުން ސްޓާލިންކްގެ ވިޔަފާރި ނަމުގައި ހަމަ އެނަމުގައި ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް އާންމު ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

ސްޓާލިންކްއަކީ މަހުޖަނު އީލޮން މަސްކްގެ ރޮކެޓް ކުންފުނި، ސްޕޭސްއެކްސް މަރުކާގެ ދަށުން ހިންގާ އިންޓަނެޓް ގޮތްޕެކެވެ. އެންޓީސީ ބުނާ ގޮތުން ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ސްޓާލިންކުން އިންޓަނެޓް ދޭން ފަށާނެ އެވެ.

ޕިލިޕީންސްއަށް އިންޓަނެޓް ފޯރު ކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް، ގައުމީ ފެންވަރުގައި ފޯރުކޮށް ދޭނެ ކަމަށް ޓެލެކޮމިއުނިކޭޝަން ކޮމިޝަނުން ބުނެ އެވެ. އިންޓަނެޓްގެ ފެންވަރު ދެމެހެއްޓުމަށް ޓަކައި ސްޓާލިންކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްތައް ބަލަހައްޓާނެ ކަމަށް ވެސް ބުނެ އެވެ.

ޕިލިޕީންސްއަށް ސްޓާލިންކް ތައާރުފު ކުރުމުން ދެކުނު އިރުމަތީ އޭޝިއާގައި ސްޓާލިންކް އެންމެ ފުރަތަމަ އޮޕަރޭޓްކުރާ ގައުމަކަށް ޕިލިޕީންސް ވާނެ އެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ސްޓާލިންކް އަދި އަންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސްޓާލިންކާ ހަވާލާދީ އެންޓީސީ ބުނާ ގޮތުގައި ޕިލިޕީންސްގައި މިހާރު އިންޓަނެޓް ހުރި ފެންވަރު، ސްޓާލިންކްގެ ސަބަބުން ބަދަލުވެގެން ދާނެ އެވެ. އަދި ވާދަވެރި އަގެއްގައި އާންމުން ރައްޔިތުންގެ ޖީބަށް ލުއި ޚިދުމަތެއް ފޯރުކޮށް ދެވޭނެ އެވެ.

ޕިލިޕީންސްގައި ރޮޑްރިގޯ ޑުޓާޓޭގެ ވެރިކަމަށް ފަހު މާކޯސް ޖޫނިއާ ވެރިކާމާ ހަވާލުވެ ވަޑައިގަތުމާއެކު ގައުމަށް އަންނަ ބޮޑެތި އިންވެސްޓްމަންޓް ތަކުގެ ސަބަބުން ވެރިކަމަށް ދެމެހެއްޓުމަށް ސިޔާސީ ލީޑަރުންނަށް ފުރުސަތު އޮންނާނެ އެވެ.

މާކޯސް ޖޫނިއާ ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ނޫން ނަމަ ވެރިކަމުގައި ދެމި ނުހުންނަވާނެ އެވެ.