ދުނިޔެ

އިންޑޮނީޝިއާގެ ރައީސް އީލޮން މަސްކްއާ ބައްދަލު ކުރައްވައިފި

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ، ޓެސްލާގެ ޗީފް އެގްޒެކެޓިވް އީލޮން މަސްކްއާ ބައްދަލު ކުރައްވައިފި އެވެ. ދެބޭފުޅުން ބައްދަލު ކުރެއްވީ އެމެރިކާގެ ޓެކްސަސްގައި ހޮނިހިރު ދުވަހު އެވެ.

އޭޝިއާގެ އާބާދީ ބޮޑު ގައުމެއްގެ ރައީސަކު، އެމެރިކާގެ ބިލިޔަނަރު ވިޔަފާރިވެރިޔާއާ މި ބައްދަލު ކުރެއްވީ އިންޑޮނީޝިއާގައި ކަރަންޓް ކާރު އުފައްދާ ކާރުޚާނާއެއް ޓެސްލާއިން ބިނާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.

ރޮއިޓާސް ބުނާ ގޮތުން ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ވަރަށް އެކުވެރި މާހައުލެއްގަ އެވެ. މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ އިންވެސްޓްމަންޓްތަކަށް އިންޑޮނީޝިއާގައި ހުރި ފުރުސަތުތަކާއި އިންޑޮނީޝިއާގެ ނިކަލް ސިނާއަތާ ބެހޭ ގޮތުންނެވެ.

ޖޯކޯ ވިޑޯޑޯ އެމެރިކާއަށް ވަޑައިގެން އުޅުއްވަނީ ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އޭޝިއާގައި އިންވެސްޓް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރޮއިޓާސް ކުރިން ރިޕޯޓްކުރި ގޮތުން ޓެސްލާގެ އޮފިޝަލުން އިންޑޮނީޝިއާއަށް ވަޑައިގެެން ނިކަލް އުފައްދާ ގޮތް ބައްލަވައި ޓެސްލާއަށް ބޭނުންވާ ފެންވަރަށް ނިކަލް އުފައްދާނެ ގޮތް ވަނީ ކިޔައިދީފަ އެވެ.

ނިކަލް އަކީ ބެޓެރީ އާއި ނަރާއި ގޭސް ހޮޅި އަދި ރޮކެޓް އިންޖީންގެ ބައިތައް އުފައްދަން ބޭނުން ކުރެވޭ ކެމިކަލް މާއްދާއެކެވެ.

އިންޑޮނީޝިއާއިން ނިކަލް ބައްލަވައި ގަތުމަށް އީލޮން މަސްކް އެއްބަސްވެ ވަޑައިގެންފި ނަމަ އެއީ ރައީސް ޖޯކޯ ވިޑޯޑޯއަށް ލިބިވަޑައި ގަންނަވާނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. އެ ވިޔަފާރިން އިންޑޮނީޝިއާއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.

އިންޑޮނީޝިއާގެ އިންވެސްޓްމަންޓް އެންޑް މެރިޓައިމް އެފެއާޒް މިނިސްޓަރު ލުހުތު ބިންސާރު ކުރިން ކުރެއްވި އިންސްޓަގްރާމް ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އިންޑޮނީޝިއާގެ ނިކަލް ސިނާއަތަށް ފުރުސަތު ލިބިދާނެ ކަމަށް އީލޮން މަސްކާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޓެސްލާއާއެކު އެއްބަސްވި ކޮން ގޮތަކަށް ކަމެއް އިންޑޮނީޝިއާއިން އަދި ރަސްމީކޮށް އާންމެއް ނުކުރެ އެވެ.