ދުނިޔެ

އިންޑޮނީޝިއާގެ ރައީސް އީލޮން މަސްކާ ބައްދަލު ކުރައްވަނީ

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ މި ހަފުތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ. އެއީ ވޮޝިންގްޓަންގައި އޮންނަ ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޖޯކޯ ވިޑޯޑޯ އުންމީދު ކުރައްވަނީ މި ދަތުރުގައި އެެއްދޮނުގައި ދެބުޅި ޖެއްސެވުމަށެވެ. އެއީ ދެކުނު އޭޝިއާ ވެރިންގެ ބައްދަލުވުމުން ލިބިވަޑައިގަންނަވާ މަންފާގެ އިތުރުން އީލޮން މަސްކަށް "ނިކަލް" -- ކެމިކަލެއް އަދި ބައެއް ހާލަތްތަކުގައި މައުދަނެއް، ވިއްކޭނެ ގޮތެއް ހޯއްދެވުމެވެ.

ނިކަލް އަކީ ބެޓެރީ އާއި ނަރާއި ގޭސް ހޮޅި އަދި ރޮކެޓް އިންޖީންގެ ބައިތައް އުފައްދަން ބޭނުން ކުރެވޭ ކެމިކަލް މާއްދާއެކެވެ. އެހެންކަމުން، އިންޑޮނީޝިއާއިން ނިކަލް ބައްލަވައި ގަތުމަށް އީލޮން މަސްކް އެއްބަސްވެ ވަޑައިގެންފި ނަމަ އެއީ ރައީސް ޖޯކޯ ވިޑޯޑޯއަށް ލިބިވަޑައި ގަންނަވާނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ރޮއިޓާސް ބުނާ ގޮތުން އީލޮން މަސްކްގެ ކާރު ކުންފުނި، ޓެސްލާގެ އޮފިޝަލުން މިހާރު ވެސް އިންޑޮނީޝިއާގައި އެބަ އުޅުއްވަ އެވެ. އެއީ އިންޑޮނީޝިއާގައި ނިކަލް އުފައްދާ ގޮތް ބައްލަވައި ޓެސްލާއަށް ބޭނުންވާ ފެންވަރަށް ނިކަލް އުފައްދާނެ ގޮތްފޮތް ކިޔައި ދެއްވުމަށެވެ.

އިންޑޮނީޝިއާގެ އިންވެސްޓްމަންޓް އެންޑް މެރިޓައިމް އެފެއާޒް މިނިސްޓަރު ލުހުތު ބިންސާރު ކުރިން ކުރެއްވި އިންސްޓަގްރާމް ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އިންޑޮނީޝިއާގެ ނިކަލް ސިނާއަތަށް ފުރުސަތު ލިބިދާނެ ކަމަށް އީލޮން މަސްކާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިކަމާ ގުޅޭ ގޮތުން ޓެސްލާއިން ރަސްމީ ސިފައިގައި އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އީލޮން މަސްކާ ބައްދަލު ކުރައްވާ ވަގުތަކާ ބެހޭ ގޮތުން ޖޯކޯ ވިޑޯޑޯއަށް ސުވާލު ދެންނެވުމުން ވިދާޅުވީ ދެފަރާތުގެ އޮފިޝަލުން މަޝްވަރާ ކުރައްވަމުންދާ ކަމަށާއި އަދި ވަގުތު ޔަގީން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މަސްކާ ބައްދަލު ކުރެއްވުން ވަރަށް މުހިންމު ކަމަށާއި އުންމީދު ކުރައްވާ ކަމަށެވެ.