ދުނިޔެ

ޖީ20 ސަމިޓުގައި ޕުޓިން ބައިވެރި ނުވާނެ

Nov 8, 2022

އިންޑޮނޭޝިއާގެ ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 އަށް ނިސްބަތްވާ ގައުމުތަކުގެ ވެރީންގެ ބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލެޑިމިރް ޕުޓިން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިިޑޯދޯ ވިދާޅުވެއްޖެ އެވެ.

ޖީ20ގެ 17 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އާއި 16 އިންޑޮނީޝިއާގެ ބާލީގަ އެވެ.

ފައިނޭންޝިއަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިޑޯޑޯ ވަދާޅުވީ ކުރިއަށް މިއޮތް ސަމިޓުގައި ބައިވެރިވުމަށް ރަޝިއާއަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސަމިޓުގެ މަގުސަދު އޮޅި، ބައިވެރިވުމަށް އެއްބަސްވެފައިވާ ގައުމުތަކުގެ ދޭތެރޭ އޮތް ގުޅުމަށް ބުރުއަރާނޭ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ.

ޖީ20 ސަމިޓަށް ރަޝިއާގެ ރައީސްއަށް ދައުވަތު ނުދިނުމަށް ޔޫކްރެއިން އަދި އެމެރިކާ ވަނީ އިންޑޮނީޝިއާގެ ކަބައިން ތަކުރާރުކޮށް އެދިފަ އެވެ. ނަމަވެސް އިންޑޮނޭޝިއާ އަކީ ވަކި އަތަކަށް ޖެހޭ ގައުމެއް ނޫން ކަމަަށް ބުނެ އެ ގައުމުން ވަނީ ޖީ20 ސަމިޓަށް ރަޝިއާ އަށް ދައުވަތު ދީފަ އެވެ

ޖީ20 ގައުމުތަކުގެ ސަމިޓަކީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ގައުމުތަކުން އެއްތަންވެގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެެވެ.

މިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިޑޯޑޯ ވިދާޅުވީ މި ވޭތުވެދިޔަ މަހު ބައްދަލުވުމަށް ވަޑައިގަތުމާ މެދުގައި "ވިސްނަވާނެ" ކަމަށް ޕުޓިން ވިދާޅުވި ކަމަށެވެ. ޕުޓިން ވަޑައިނުގަތަސް ރަޝިއާގެ ފަރާތުން ހައި ލެވަލްގެ ވަފްދެއް މި ސަމިޓުގައި ތަމްސީލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.