ބްލެކް ސީ މެދުވެރިކޮށް ގޮދަން ގެންދިއުމަށް މި ސަރަހައްދަށް ނިސްބަތްވާ ތިން ގައުމަކާއި އދ އިން އެއްބަސްވުމަކާއި ދާދި ގާތަށް އަތުވެއްޖެ އެވެ.
މިކަން އަންގާފައިވަނީ ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކާރު އެވެ. އޭނާ ބުނެފައިވަނީ މި ހަތަރު ފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވާލުމަށް ނިންމާ ވާހަކަ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި ވާހަކަތަކުގައި އެއްބަސްވުމަކަށް އާދެވިފައި މިވަނީ ތުރުކީގައި ދެ ދުވަސް މަތިން ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށްފަހު އެވެ. މި މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ ޔޫކްރެއިން، ރަޝިއާ، ތުރުކީ އަދި އދ އެވެ.
"އަހަރެމެން ކުރިއަށް މިދަނީ ގޮދަން ޑީލްގެ އެއްބަސްވުން އިތުރުކުރުމަށް،" ހުކުރު ދުވަހު ތުރުކީގެ ޑިފެންސް މިނިސްޓަރު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި މަހުގެ ދިހަ އަކުން އެގާރަ އަށް ބޭއްވުނު ބައްދަލުވުމުގައި ގޮދަނުގެ ޑީލް އިތުރު ކުރަން ނިންމާފައިވާއިރު މިހާރު އޮތް އެއްބަސްވުން މިހަފްތާގެ ތެރޭގައި ނިމުމަކަށް އަންނާނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާ އިން ބުނެފައިވަނީ ގޮދަން ޑީލް އިތުރު ކުރަން ބޭނުމެއް އޮތް ނަމަ ރައީސް ޕުޓިން ތުރުކީގެ ރައީސް އުރުދުއާން އާއި ގުޅުއްވައި ވާހަކަފުޅު ދެއްކެވުމުން ހިނދުކޮޅެއްގެ ތެރޭގައި ވެސް އެކަން ހަމަޖެހިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ރޭވުމެއް މިވަގުތު ނެތްކަމަށް ވެސް ބުނެފައިވެ އެވެ.
ގޮދަނުގެ ޑީލެއް ތުރުކީ އާއި އދ މެދުވެރިވެގެން މިދިޔަ އަހަރުގެ ޖުލައި މަހު އެކުލަވާލީ ދުނިޔޭގައި ގޮދަނުގެ ކާބޯތަކެތީގެ ކާރިސާއެއް މެދުވެރިވިޔަ ނުދިނުމަށެވެ.
މި ޑީލުން މަގުފަހިކޮށްދެނީ ގޮދަނުގެ މުއްސަނދި ޔޫކްރޭނާއި ރަޝިއާ އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން ބްލެކް ސީ މެދުވެރިކޮށް ގޮދަން ބޭރު ކުރުމަށެވެ. ބޭނުމަކީ ގޮދަން މާކެޓަށް ލޮޅުން އެރިޔާ ނުދިނުމާއި ގޮދަނުގެ އަގުތައް އަތްނުފޯރާ ހިސާބަށް މަތިވިޔަ ނުދިނުމެވެ.
މި ޑީލުގެ ދަށުން މިހާތަނަށް 30 މިލިއަން ޓަނުގެ ގޮދަން ބޭނުންޖެހިފައިވާ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
މި މަހުގެ 18ގައި މުއްދަތު ހަމަވާ މިހާރުގެ ޑީލަށް ރަޝިއާ އިން އެއްބަސްވާނީ ރަޝިއާ އިން ޑިމާންޑް ކުރާ އެގައުމުގެ ގޮދަނާއި ފާޓިލައިޒާތައް ބޭރުކުރުމަށް އެހެން ބާރުތަކުން މިވަގުތު އަޅާފައިވާ ދަތިތައް އުވާލުމަށް އެއްބަސްވެގެން ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވެ އެވެ.