ދުނިޔެ

ގޮދަންފުށް ވަގަށް ބަރާކުރި ބޯޓު ހިފަހައްޓަން އަމުރުކޮށްފި

ޔުކްރޭނުން ގޮދަންފުށް ވަގަށް ބަރުކޮށްގެން ލުބްނާނަށް ދިޔަ ބޯޓު ހިފަހައްޓައި އޭގައި ހުރި ފުށާއި ބާރުލީ ވެސް ހިފަހައްޓަން ލުބްނާންގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ބޯޓު މިހާރު އޮތީ ލުބުނާންގެ އަވަށެއް ކަމަށްވާ ތަރާބުލުސްގެ ބަދަނދަރުގަ އެވެ. މި ބޯޓާކީ ސީރިއާގެ ބޯޓެކެވެ. ބޯޓުގައި ހުރި މުދަލުގެ ވެރިފަރާތަކީ ތުރުކީ ކުންފުންޏެއް ކަމަށްވާ ލޯޔަލް އޭގްރޯ އެވެ. އޮފިޝަލުން ބުނާ ގޮތުން ބޯޓުގައި 5،000 ޓަނު ގޮދަންފުށާއި 5،000 ޓަނު ބާޜުލީ އެބަ ހުއްޓެވެ.

އޮފިޝަލުން ބުނާ ގޮތުން ބޯޓު ކުރިން ބަނދަރުކުރާ ގޮތަށް އޮތީ ސީރިއާގަ އެވެ. އެހެން ނަމަވެސް ސީރިއާއަށް ވުރެ ލުބުނާންގައި ގޮދަންފުށަށް ލިބޭ ފައިދާ ބޮޑުކަމުން ބޯޓުގެ މިސްރާބު އުތުރު ލުބުނާންއަށް ބަދަލު ކުރީ އެވެ.

ލުބްނާން ފުށަށްޖެހި ޕާން ލިބުން ދަތިވެ އޮތީ ގަޔަށް ބޮލަށް އަރާވަރުވެފަ އެވެ. ޕާން ވިއްކާ ފިހާތައް ދޮށުގައި ހާޖާނު ހަދައި ފިހާރަތަކުގައި ހުޅުޖަހާ ހިސާބަށް ދާ ދުވަސް ވެސް އާދެ އެވެ.

ބޯޓުގައި ހުރި ގޮވާމާ ބެހޭ ގޮތުން ލޯޔަލް އޭގްރޯ ބުނަނީ އެއީ ސައްހަ މުދާ ކަމަށެވެ. ވަގަށް ނަގާފައި އެންމެ ފުކެއް ވެސް ނޯންނާނެ ކަމަށެވެ.

ލޯޔަލް އޭގްރޯގެ އޮފިޝަލުން ބުނާ ގޮތުން އެއީ ސައްހަ މުދާކަން ކަށަރުކޮށް ދިނުމަށް ގުޅުން ހުރި ލިޔުންތައް ވެސް މިހާރު ވަނީ ލުބްނާންގެ އިދާރާތަކަށް -- ކަސްޓަމަށް ފޮނުވާފަ އެވެ.

އެހެން ނަމަވެސް، ލުބްނާންގައި ހުންނަ ޔުކްރޭން އެމްބަސީން ބުނާ ގޮތުން ބޯޓުގައި ހުރި ގޮވާމާއި ބާރުލީ އަކީ ޔުކްރޭނުން ވަގަށް ނަގާފައި ހުރި މުދާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވެ އެވެ.

ސީރިއާ އަކީ ރަޝިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެހެންކަމުން ސީރިއާގެ ބޯޓަކަށް ގޮވާން ބަރުކުރުމަކީ ޔުކްރޭން ސަރަހައްދު މިހާރު އޮތް ގޮތުން ދަތި އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ޔުކްރޭނުން ގޮވާން ބަރުކޮށްގެން ސީރިއާއަށް ނިސްބަތްކުރެވޭ ބޯޓެއް ދަތުރަށް ފެށި މައްސަލާގައި އެމެރިކާ އޮތީ ފޫގަޅައިގެންނެވެ. އެ އުޅަނދަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާ އޮތީ ގޮވާލާފަ އެވެ.

ލުބްނާންގެ އޮފިޝަލުން ބުނާ ގޮތުން ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދަށް ލުބްނާން ބޯލަނބާނެ އެވެ. އަދި ބޯޓުގައި ހުރި މުދަލުގެ ސައްހަކަން ކަށަވަރު ކުރެވުމަށް ދާންދެ ބޯޓުގައި ހުރި ގޮދަންފުށާއި ބާރުލީ ބޯޓުން ބޭލުމެއް ނޯންނާނެ އެވެ.