ދުނިޔެ

ޔުކްރޭނުން ލުބްނާނަށް ފޮނުވި ގޮވާން ގަބޫލެއް ނުކުރި

އދ. އާއި ތުރުކީ މެދުވެރިވެގެން ރަޝިއާ އާއި ޔުކްރޭނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ލުބްނާނަށް ފޮނުވި ގޮވާން ބަލައި ނުގަންނާނެ ކަމަށް ގޮވާމަށް އޯޑަރުދިން ކުންފުނިން ބުނެފި އެވެ.

ޔުކްރޭނުން ގޮވާން ބަރާކޮށްގެން ލުބްނާނަށް ދަތުރުކުރި ރަޒޯނީ ކާގޯ ބޯޓު މިހާރު އޮތީ ތުރުކީގެ މައިސިން ބަނދަރުގަ އެވެ. ލުބްނާންގެ ތަރާބުލްގެ ބަނދަރަށް މިސްރާބުޖެހި ބޯޓު މިސްރާބު ބަދަލުކޮށް ތުރުކީގައި ބަނދަރުކުރީ އެވެ.

މި ބޯޓުގައި 26،527 ޓަނުގެ ޒުވާރި ހުރި ކަމަށް އޮފިޝަލުން ބުނެ އެވެ.

ލުބްނާނުން ގޮވާން ގަންނާނެ ކަމަށް ބުނި ކުންފުނިން ބުނި ގޮތުގައި ޑެލިވަރީކުރުން މާ ބޮޑަށް ވެސް ލަސްވީ އެވެ. ފަސް މަހަށް ވުރެ ގިނަ ދުވަސް ވުމުން އަދި ލިބޭނެކަން ކަށަވަރު ވެފައި ނެތުމުން އެހެން ގޮތަކަށް ގޮވާން ހޯދީ ކަމަށް ވަނީ ބުނެފަ އެވެ.

ލުބްނާންގައި ހުންނަ ޔުކްރޭން އެމްބަސީން ބުނާ ގޮތުން ގަންނާނެ އެހެން ބަޔަކު ލުބްނާނުން ނުވަތަ އެހެން ގައުމަކުން ހަމަޖެހުނު ނަމަަވެސްް އެ ދިމާއަކަށް ބޯޓު ދަތުރުކުރާނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގައި ތާށިވެފައި ހުރި އެތައް މިލިން ޓަނެއްގެ ގޮވާން އެ ގައުމުން ބޭރުކުރަން -- އެކްސްޕޯޓްކުރަން އދ. އާއި ތުރުކީ ހެކިވެ އެއްބަސްވުމެއްގައި ހަތަރު ފަރާތަކުން ސޮއިކުރި އެވެ.

ޔުކްރޭން ގްރޭން އެއްބަސްވުން ނުވަތަ ޔުކްރޭން ގްރޭން ޑީލުގައި ސޮއިކުރީ ރަޝިއާ، ޔުކްރޭން ތުރުކީ އަދި އދ. އިން ޖުލައި 22 ގައެވެ.

މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ގައުމުތަކަށް އެކްސްޕޯޓް ކުރެވެނީ އދ އާއި ތުރުކީ އަދި ރަޝިއާ އާއި ޔުކްރޭންގެ އޮފިޝަލުން ބެލުމަށް ފަހު ގޮވާން ބަރާކޮށްގެން ތުރުކީގެ އިސްތަންބޫލަށް ގޮސް "ޖޮއިންޓް ކޯޑިނޭޝަން ސެންޓާ" (ޖޭސީސީ)ގެ އޮފިޝަލުން ބަލައި ފާސްކުރުމަށް ފަހު އެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރަން ހެދި އެއްބަސްވުމުގެ ދަށުން މިހާތަނަށް 305،000 ޓަނުގެ ގޮވާން ޔުކްރޭންގެ ބަނދަރުތަކުން ވަނީ ބޭރުކޮށްފަ އެވެ.