ރަޝިޔާ

ރަޝިއާގެ ބަނދަރުތަކުން ގޮވާން ބޭރުކުރަން މަސައްކަތް ކުރާނެ: އުރުދުޣާން

އިސްތަންބޫލް ޑީލް ފުރިހަމަ ކުރެވުނު ކަމަށް ވާނީ ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާން ބޭރުކުރެވެން ފެށުމުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ހުކުރު ދުވަހު ރަޝިއާގެ ސޯޗީގައި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގައި، ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާން ބޭރުކުރެވެން ޖެހޭނެ ކަމަށް ޕޫޓިން ވިދާޅުވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ރަޝިއާގެ ބަނދަރުތަކުން ގޮވާން ބޭރުކުރުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް، އިދާރާތަކާ ގުޅިގެން -- ޚާއްސަކޮށް މިނިސްޓްރީ އޮފް ކޮމާސް އިން ދަނީ ކުރަމުންނެވެ.

އދ. އާއި ތުރުކީ ހެކިކޮށް ރަޝިއާ އާއި ޔުކްރޭނު ޖުލައި 22 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޔުކްރޭނުން ގޮވާން ބޭރުކުރަން މިހާރު ވަނީ ފަށާފަ އެވެ.

އެ ގޮތުން ގޮވާން ބަރާކޮށްގެން ތުރުކީން ފުރި ފުތަމަ ބޯޓު، ރަޒޯނީ -- ތުރުކީގެ އިސްތަންބޫލަށް ގޮސް "ޖޮއިންޓް ކޯޑިނޭޝަން ސެންޓާ" (ޖޭސީސީ)ގެ އޮފިޝަލުން ބަލައި ފާސްކުރުމަށް ފަހު މިހާރު ވަނީ ލުބްނާންގެ ތަރާބުލުން އަށް މިސްރާބު ޖަހާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޒޯނީ ދަތުރުކުރަނީ ހިކި ކާގޯގެ ގޮތުގައި 26،500 ޓަނުގެ ޒުވާރި އަރުވައި ބަރާކޮށްގެންނެވެ.

ރަޝިއާގެ ސޯޗީގައި ހުންނަ ޕޫޓިންގެ ގަނޑުވަރުގައި ކުރެއްވި މަޝްވަރާތަކުގައި ގޮވާމާއި ގަސްކާނާ އަދި އިސްތަންބޫލް ޑީލްގެ ދަށުން ހުއްދަދީފައި ހުރި ބާވަތްތައް ރަޝިއާއިން ބޭރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުން އިސްތަންބޫލް ޑީލްގެ ދަށުން ރަޝިއާ އާއި ޔުކްރޭނުން ބޭރުކުރާ ގޮވާމާއި އެހެނިހެން ތަކެތި ބާލާ ފާސްކުރާނެ އެވެ. އަދި އުންމީދަކީ އެއްވެސް މައްސަލައެއް ނުޖެހި ގޮވާން ބޯޓުތައް މަންޒިލަށް ވާސިލުވުން ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައާ ހެދި ޔުކްރޭންގައި އެތައް މިލިއަން ޓަނެއްގެ ގޮވާން ހުރީ ތާށިވެފަ އެވެ. ދުނިޔެ ގޮވާމަށް ޖެހި ބަނޑުހައި ހޫނުކަން ބޯމަތިވެފައި ވަނިކޮށް އދ އާއި ތުރުކީ މެދުވެރިވެގެން އިސްތަންބޫލް ޑީލްގެ ނަމުގައި ވަނީ އެއްބަސްވުމެއް ހަދާފަ އެވެ.

އިންތަންބޫލް ޑީލަށް ހަވާލާދިނުމަށް "ޔުކްރޭން ގޮވާން ޑީލް"، "ގޮވާން ޑީލް"، އަދި ޔުކްރޭން ޑީލް ފަދަ ނަންތައް ލިޔުންތަކުގައި ބޭނުންކުރެ އެވެ.