ޔުކްރެއިން

ޔުކްރޭންގެ ވަރުގަދަ ފަސް ކޮމާންޑަރަކު އަނބުރާ ގައުމަށް ގެނެސްފި

ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ތުރުކީ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި އިއްޔެ ގައުމަށް ވަޑައިގެންނެވިއިރު، ޔޫކްރޭން ރަޝިއާ ހަނގުރާމައިގައި ހައްޔަރުވެ ތުރުކީގައި ހިފެހެއްޓިފައި ތިބި ފަސް ކޮމާންޑަރަކު، އަނބުރައި ޔޫކްރޭނަށް ގެނެސްފި އެވެ.

މި ފަސް ކޮމާންޑަރުންނަކީ ރަޝިއާ އިން ޔޫކްރޭނުގެ މާރިއޮޕޮލް ސިޓީ ހިފިއިރު ގައިދު ކުރެވުނު ފަސް ކޮމާންޑަރުންނެވެ.

ގައިދީން ބަދަލުކުރުމަށް އެއްބަސްވެފައިވާ ގޮތުން މި ފަސް މީހުން ބައތިއްބަން ޖެހެނީ ތުރުކީ ގައެވެ. ނަމަވެސް ތުރުކީ އަށް ޒެލެންސްކީ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ގައުމަށް ވަޑައިގެންއިރު މި ފަސް ކޮމާންޑަރުން ވަނީ ޒެލެންސްކީއާ އެކު އެނބުރި ގައުމަށް ގެނެސްފަ އެވެ.

ރަޝިއާ އިން ވަނީ މި ފަސް ކޮމާންޑަރުން ދޫކޮށްލުމުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

މި ފަސް ކޮމާންޑަރުންނަކީ ޔޫކްރޭންގެ ބަނދަރުމަތީ ސަރަހައްދު އަދި ރަޝިއާގެ ބާރުގެ ދަށަށް ދިޔަ އެންމެ ބޮޑު ސިޓީ، މާރިއޮޕޮލް ރަޝިއާގެ ބާރުގެ ދަށަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި ވަރުގަދައަށް ހަނގުރާމަކުރި ފަސް ކޮމާންޑަރުންނެވެ. ޔޫކްރޭނުން އެމީހުން ބަލައިގެންފައިވަނީ ހަނގުރާމައިގައި ޔޫކްރޭނުގެ ވަރުގަދަ ބަތަލުންތަކެއްގެ ގޮތުގައެވެ.

ރަޝިއާ އިން ތިން މަސްވަންދެން ހިސޯރު ކުރި މާރިއޮޕޮލް ރަޝިއާގެ ބާރުގެ ދަށަށް ގެނައުމުގައި އެތައް ހާސް ބަޔަކު މަރުވެ މުޅި ސިޓީ ވަނީ ސުންނާފަތިވެފަ އެވެ.

މި ފަސް ކޮމާންޑަރުންނަކީ ޓަނަލް ތަކާއި ބަންކަރުތަކުގައި ތިބެގެން މާރިއޮޕޮލްގެ އަޒޯވަސްޓަލް ސްޓީލް ޕްލާންޓް ދިފާއު ކުރަމުންދިޔަ ހަނގުރާމަވެރި ކޮމާންޑަރުންނެވެ. މި ކޮމާންޑަރުން އެތަން ދޫކޮށް ދިޔައީ އެ ސިޓީއަށް ލިބެމުންދާ ގެއްލުމާއި ހެދި މިދިޔަ އަހަރުގެ މެއި މަހުގައި އަމާން ދިނުމަށް މި ކޮމާންޑަރުން ގާތު އެދިގެންނެވެ.

"ޔޫކްރޭނުގެ ހަނގުރާމަވެރިން ކަމުގައިވާ ޑެނީސް ޕްރޮޕެކެންކޯ، ސުވިޔަޓޮސްލާވް ޕަލާމާ، ސެރްހީ ވޮލިންސްކީ، އޮލޭ ކޮމެންކޯ އަދި ޑެނީސް ޝްލޭހާ ދެން ތިބޭނީ އެމީހުންގެ އާއިލާތަކާއެކު،" ޒެލެންސްކީ ޓެލެގްރާމްގައި ހާމަކޮށްފައިވެ އެވެ.

ޒެލެންސްކީ ވަނީ ޗެކް ރިޕަބްލިކް ފްލައިޓެއްގައި ބޯޓަށް އަރާވަޑައިގަތުމުގެ އިރުކޮޅެއް ކުރިން އެ ފަސް ކޮމާންޑަރުންނާއި އޮފިޝަލުންނާއި އެކު ސަލާންކުރައްވައި ހިނިފުޅުވަޑުވަމުން ގެންދަވާ އެއް މިނެޓްގެ ވީޑިއޯއެއް ޕޯސްޓް ކުރައްވާފަ އެވެ. މިއާއި އެކު ސޯޝަލް މީޑީއާގައި ޔޫކްރޭނުގެ އެތައް ބަޔަކު ވަނީ ޒެލެންސްކީ އަށް ތައުރީފް ކޮށްފަ އެވެ.

"އެންމެ ރަނގަޅު ހަބަރު އެންމެ ފަހުން. މަރުހަބާ އަހުންނޭ،" ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި މިވަގުތު ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މޭޖަރ، މަކްސީމް ޒޯރިން ޓެލެގްރާމް މެސެޖެއްގައި ބުނެފައިވެ އެވެ.