ރަޝިއާ އާއި އެމެރިކާގެ އޮފިޝަލުން ތުރުކީގެ އިސްތަންބޫލްގައި ބުރާސްފަތި ދުވަހު ބައްދަލުކުރަނީ އެވެ. މިއީ ޔުކްރޭން ހަނގުރާމަ ހުއްޓުވައި، ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމަށް މަޝްވަރާތައް ފެށުމަށް ބާއްވާ ޓެކްނިކަލް ބައްދަލުވުމެކެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއްގެ ފަރާތުން ޚަބަރަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ޔުކްރޭން މަޝްވަރާތަކުގެ އިތުރުން، އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން އިތުރު މަޝްވަރާތަކެއް ވެސް ކުރާނެ އެވެ. އޭގެ ތެރޭގައި ދެގައުމުގެ އެމްބަސީ ހިންގުން ހަރުދަނާކުރުން ވެސް ހިމެނެ އެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވެސް ވަނީ މި ބައްދަލުވުންތައް ތުރުކީގައި އޮންނާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ލަވްރޯފް ވިދާޅުވި ގޮތުން އެމެރިކާގައި ކުރިން އޮތް ސަރުކާރުން ބަންދުކޮށްފައި ހުރި ދޮރުތައް ހުޅުވުމާއި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ބާރު ދުވެލީގައި ހިންގައި ގައުމަށް މަޝްވަރާކުރެވޭނެ އެވެ.
އަދި ކުރިން އެމްބަސީތައް މެދުވެރިކޮށް ކުރުން މަނާކޮށްފައި ހުރި މުއާމަލާތްތައް ފެށޭނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމާ ގުޅޭ ބައްދަލުވުންތައް މީގެ ކުރިން ސައޫދީ އަރަބިއްޔާގައި ވެސް ވަނީ ބާއްވާފަ އެވެ. މި ބައްދަވުންތަކުގައި ބައިވެރިވި ރަޝިއާ، އެމެިރިކާގެ އޮފިޝަލުން ވަނީ މަޝްވަރާތައް ދިޔަ ގޮތަށް ތައުރީފުކުރައްވާފަ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވައި ދެ ގައުމު ސުލްހަވުމަށް ކުރެވޭ މަޝްވަރާތަކުގައި ޔުކްރޭނަށް މާބޮޑު ބާރެއް އޮތް ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން، ހަނގުރާމާގައި ރަޝިއާ އަތުލާފައި ހުރި ޔުކްރޭންގެ ބިންތައް، ޔުކްރޭނަށް އަލުން ލިބޭނެ ކަމަކަށް ވެސް ނުލިބެ އެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަށް ފަހު ރަޝިއާއާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. އަދި ރަޝިއާ ބޭނުން ނޫން ގޮތަކަށް ޔުކްރޭން މައްސަލަ ހައްލުވާނެ ކަމަކަށް ނުބެލެވެ އެވެ.