ދުނިޔެ

ރަޝިއާގެ ތެލަށް އަގު ކަނޑައެޅުމަކުން މޮޅުތަކެއް ނުވި: ޔެލަން

ރަޝީއާ އަތުން ވަކި އަގަކަށް ނޫން ގޮތަކަށް ތެޔޮ ނުގަތުމަށް ހުޅަނގުން އޮތީ ސައްލާކޮށް ނިންމާފަ އެވެ. މި ގޮތުން ތެޔޮ ގަތުމަށް އަގު ކަނޑައަޅާ ބަޔަކީ ވެސް ހުޅަނގެވެ.

މިކަމާ ގުޅިގެން ދުނިޔެއަށް ރަޝިއާ ދިން މެސެޖަކީ އަމިއްލައަށް އަގު ކަނޑައަޅައިގެން އަންނަ ބަޔަކަށް ރަޝިއާ ތެޔޮ ނުވިއްކާނެ ކަމެވެ.

މުދަލުގެ އަގަކީ ވިއްކާ މީހުން ކަނޑައަޅާ މިންގަނޑެއް ކަމަށާއި ގަންނަ މީހުން އަގު ކަނޑައަޅައިގެން ކުރާ ވިޔަފާރިއެއްގައި ބައިވެރި ނުވާނެ ކަމަށްވެސް ރަޝިއާ އޮތީ ބުނެފަ އެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލަން ވިދާޅުވި ގޮތުގައި ރަޝިއާގެ ތެލަށް އަގު ކަނޑައަޅައި ނެރުނު އަމުރު ތަންފީޒެއް ނުކުރެވުނެވެ. އެއީ ދުނިޔެއަށް ހާޖަތުޖެހި އިތުރުވާ ވަރަށް ތެޔޮ ގަންނަން ނުލިބޭތީ ކަމަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުން ހީކުރީ ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައެޅުމުން -- އެ ނޫން އަގެއްގައި ރަޝިއާއަށް ތެޔޮ ނުވިއްކޭނެ ކަމަށެވެ. ނަމަވެސް ތެޔޮ އުފައްދާ ގައުމުތަކުން -- އޯޕެކް ގައުމުތަކުން ތެލުގެ އަގު ކޮންޓްރޯލްކޮށް އަދި ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުން، ގައުމުތަކަށް ބޭނުންވާ ތޮޔޮ ހޯދުމަށް އެ ގައުމުތަކަށް ޖެހުނީ ތެޅިފޮޅޭށެެވެ.

އޯޕެކް ގައުމުތަކުން ތެލުގެ ސިޔާސަތު މިހާރު ގެންގުޅެނީ ރަޝިއާއަށް ވިސްނައިގެން -- ރަޝިއާ ހާލުގައި ނުޖެހޭ ވަރު ބަލައިގެންނެވެ. މި ގޮތަށް ކަންކުރުމުން ހުޅަނގަށް ބޭނުންވާ ތެޔޮ ހޯދުމުގައި އެ މީހުންނަށް ވެސް އޮތީ ބިރުވެރިކަމެވެ.

ހުޅަނގުން ރަޝިއާގެ ތެލަށް އަގު ކަނޑައެޅީ ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރުމުގެ ނިޔަތުގަ އެވެ. ރަޝިއާގެ އިގުތިސާދަށް މިކަމުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ބަލާފަ އެވެ. އަދި އިގުތިސާދު ދަށްވާނަމަ ޔުކްރޭން ހަނގުރާމަ ހުއްޓާލުން ރަޝިއާއަށް މަޖުބޫރު ވާނެ ކަމަށް ދެކިގެންނެވެ.

ނަމަވެސް ކަންތައްތައް މެދުވެރިވީ އެ މީހުން ރޭވި ގޮތަކަށް ނޫނެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އަންދާޒާކުރާ ގޮތުން ރަޝިއާގެ އިގުތިސާދު އަންނަ އަހަރު ވާނީ ރަނގަޅެެވެ.

ޖެނެޓް ޔެލަން ވިދާޅުވި ގޮތުގައި ރަޝިއާގެ އިގުތިސާދަށް އަސަރުކުރާ ވަރުގެ ފިޔަވަޅެއް ހުޅަނގަކަށް އަދިވެސް ނޭޅެ އެވެ.

ރަޝިއާ ވަނީ ތެލާއި ގަސްކާނާ ކަހަލަ ދުނިޔެއަށް މުހިއްމު ވަސީލަތްތައް ވިއްކާނެ ވަރަށް ގިނަ މަގު ހުޅުވާފައި ކަމަށްވެސް ޓްރެޒަރީ ސެކްރެޓަރީ ވިދާޅުވި އެވެ.