ދުނިޔެ

އެމެރިކާގެ ރިޒާވުން 15 މިލިއަން ފީފާ ތެޔޮ ނަގަނީ

އެމެރިކާއަށް ބޭނުންވާ ތެޔޮ ދެމެހެއްޓިވި ގޮތުގައި ސަޕްލައި ކުރުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރައްވާނެ ކަމަށް ޖޯ ބައިޑަންގެ ސަރުކާރުން އޮތީ ބުނެފަ އެވެ.

ބައިޑަން ގާއިމުކުރައްވާ މި އުސޫލުތަކުގެ ތެރެއިން އެމެރިކާގެ ސްޓްރެޓެޖިކް ރިޒާވުން ސާފުނުކުރާ 15 މިލިއަން ފިފާ ތެޔޮ ނަގައި އާންމު މާކެޓަށް ވިއްކާލުމަށް ވަނީ ހަމަޖައްސާފަ އެވެ.

ވައިޓް ހައުސްއިން ބައިޑަންއާ ހަވާލާ ދެއްވައި ބުނި ގޮތުގައި އެމެރިކާއަށް ބޭނުންވާ ހަކަތަ ސަޕްލައި ކުރުމާ އަގު ކޮންޓްރޯލް ކުރުމުގައި އާންމުންނަށް ދަތިނުވާ ގޮތްތަކަށް ސަރުކާރުން ބަލާނެ އެވެ.

އެމެރިކާއަށް މި ހާލަތު ޖެހުނީ -- ސްޓްރެޓެޖިކް ރިޒާވުން ތެޔޮ ނަގަން ޖެހުނީ އެގައުމަށް ކުރިމަތިވި ގުދުރަތީ ކާރިސާއަކާ ގުޅިގެނެއް ނޫނެވެ. އެއީ އެމެރިކާގެ ސިޔާސީ ލީޑަަަރުން އަމިއްލައަށް ނިންމެވި ނިންމުމެއްގެ ސަބަބުންނެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ރަޝިއާގެ ހަކަތަ ނުގަތުމަށް އެމެރިކާ އާއި ހުޅަނގުން އޮތީ ނިންމާފަ އެވެ. އެހެންކަމުން އެމެރިކާއަށް މިހާރު ޖެހިފައިވަނީ އެމެޖެންސީ ރިޒާވްގައި ހުރި 180 މިލިއަން ފިފާއިން ތެޔޮ ނަގާށެވެ.

ވައިޓް ހައުސްއިން ބުނީ ރިޒާވުން މިހާރު ނެރޭ އަދަދުން ނުފުއްދިއްޖެ ނަމަ އަދި ފިނި މޫސުމުގައި އިތުރަށް ބޭނުންވާ ނަމަ ސާފުނުކުރާ ތެޔޮ ނެރުމަށް ޑިޕާޓްމަންޓް އޮފް އެނާޖީއަށް އަންގާފައިވާ ކަމަށެވެ.

ދުނިޔޭގެ މާކެޓްގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ އެމެރިކާއަށް އެންމެ ކަމުދާ އަގެއްގައެއް ނޫނެވެ. އޯޕެކް ޕްލަސްއާ ހެދި އެމެރިކާ އެދޭ އަގަށް ތިރިކުރުން މިވަގުތަށް އޮތީ އުދަގޫ އެވެ.

އެމެރިކާގެ މާކެޓްގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ކުއްލި ކުއްލިއަށް އުފުލިގެން ދާއިރު ބައެއް ފަހަރު 90.03 ޑޮލަރަށް އަދި ބައެއް ފަހަރު 83.31 ޑޮލަރަށް ވެއްޓެ އެވެ.

އެމެރިކާއަށް ތެޔޮ އުފެއްދޭ ނިސްބަތުން ދުނިޔެެއަށް ޚާއްސަކޮށް ހުޅަނގަށް ސަޕްލައިކުރަން ހަދައިގެން ދެމެހެއްޓެނިވި ރިޒާވަކަށް ބުރޫއަރާފާނެ ކަމަށް ވެސް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ.

ބައިޑަން ސަރުކާރުން ބުނަނީ އެތަން ފޫބެއްދުމަށް ބޭނުންވާ އަަދަދަށް ތެޔޮ އުފައްދާނެ ކަމަށާއި އެކުވެރި ގައުމުތަކާ ގުޅިގެން ހަކަތައިގެ މާކެޓް ހަމަޖައްސާނެ ކަމަށެވެ.