ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މަރާމާތު ކުރެވިދާނެ: ރަޝިއާ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މަރާމާތުކުރުން މި ވަގުތަށް ދަތި ނަމަވެސް އެއީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ރަޝިއާ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންދަރު ނޮވާކު ވިދާޅުވެއްޖެ އެވެ.

ނޮވާކް ވިދާޅުވި ގޮތުގައި ރަޝިއާގެ ވިސްނުމަކީ ނޯޑް ސްޓްރީމް ހޮޅިތައް ލަސްނުކޮށް މަރާމާތުކުރުން ކަމަށާއި އުންމީދަކީ މަސައްކަތްތައް ކާމިޔާބުވުން ކަމަށެވެ.

ރަޝިއާއިން ޔޫރަޕަށް ތެޔޮ ސަޕްލައިކުރަން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަނަށް އަޅާފައި އޮތް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ބަޔަކު ހަމާލާދީ މިހާރު އޮތީ ޔޫރަޕަށް ވީކޮޅު ގޮއްވާލާފަ އެވެ.

އެލެގްޒެންދަރު ނޮވާކް ވިދާޅުވި ގޮތުގައި ޓެކްނިކަލް ވިސްނުމަކުން ވިސްނަވާއިރު ނޯޑް ސްޓްރީމް ބިނާކުރި ބަޔަކަށް އެ ހޮޅިތައް މަރާމާތު ނުކުރެވެންވީ ސަބަބެއް ނޯންނާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ގޭސް ހޮޅިތައް މަރާމާތު ކުރުމުގައި ރަޝިއާ ތަޖުރިބާކުރަން ޖެހޭނެ ކަމަކަށް އޮންނާނީ ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމަށެވެ.

ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭއް، ބަލަހައްޓާ އޮޕަރޭޓަރުން ބުނާ ގޮތުން ހޮޅިތަކާ ދިމާ ކަނޑު އަޑީގައި ބާރުގަދަ އެއްޗެއް ގޮވި އަޑާ އެކު ބޮކިޖަހާފައި ގޭސް ލީކުވާންތަން ވަނީ ފެނިފަ އެވެ.

ޖަރުމަނާއި ޑެންމާކް އަދި ސްވިޑުންގެ އޮފިޝަލުން ބުނާ ގޮތުން ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ވަނީ ހަތަރު ތަނަކުން ފޫވެއްޓިފަ އެވެ.

މިި ހޮޅިތަކަށް ހަމަލާދިން ބަޔަކާ މެދު ބޮޑެތި ޝައްކުތައް އުފެދިފައި އޮތް އިރު ބޮޑަށް ބެލެެނީ އެމެރިކާ ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން -- ރައީސް ބައިޑަން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ގެއްލުން ދޭނެ ކަމަށް އޮތީ ބުނެފަ އެވެ.

އެމެރިކާ ބުނާ ގޮތުން ނޯޑް ސްޓްރީމް ގޭސް ހޮޅިތައ ގޮވުމުން ހުރިހާ ފައިދާއެއް އޮތީ އެމެރިކާ އަށެވެ. ޔޫރަޕަށް އެންމެ ގިނައިން މިހާރު ގޭސް ވިއްކާ ގައުމަކީ އެމެރިކާ ކަމަށްވެސް އެ މީހުން ބުނެ އެވެ.