ދުނިޔެ

އޯޕެކް ޕްލަސްއާ ނުލައި އެކަށީގެންވާ ވަރަށް ތެޔޮ ސަޕްލައި ނުކުރެވޭނެ: ސައުދި އަރަބިއްޔާ

ރަޝިއާ އަކީ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް) އާއި "އޯޕެކް ޕްލަސް" މުހިންމު ގުނަވަނެއް ކަމަށް ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.

ސައޫދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އޯޕެކް ޕްލަސްއާ ނުލައި ދެމެހެއްޓެނިވި ގޮތުގައި މާކެޓަށް ތެޔޮ ސަޕްލައި ކުރުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި އޮތް މަޝްވަރާ ބައްދަލުވުމެއްގައި ސައޫދީ ވަޒީރު ވިދާޅުވީ ދުނިޔޭގެ ތެޔޮ މާކެޓް ހަމަޖައްސަން ވިސްނާފައި އޮތީ އޯޕެކް ޕްލަސްގެ ސަޕޯޓާ ވެސް އެކު ކަމަށެވެ.

ދުނިޔޭގެ މާކެޓަށް ސަޕްލައިކުރާ ތެލުގެ އަދަދަށް ބަދަލު ގެނެވެން އޮތީ އޯޕެކް ޕްލަސްއިން އެކަމަށް އިންކާރު ނުކުރާ ނަމަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާކެޓުގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަ ހުއްޓެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޖެހިގެން އުޅޭ މައްސަލަކީ އަދި ބޭނުންތަކާ އެއްވަރަށް ތެޔޮ ސަޕްލައި ނުކުރެވިގެން އުޅެނީ ތެޔޮ ސާފުކުރާނެ ވަސީލަތްތައް އެވަރަށް ނެތުމުން ކަމަށެވެ.

ދުނިޔެއަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށް އެއް ހަމައެއްގައި ދެމެހެއްޓޭތޯ ސައޫދީ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ތެލަކީ ދުނިޔެއަށް މިވަގުތު ވަރަށް މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވި ގޮތުގައި ދެން އޮންނަ އޯޕެކް ޕްލަސް ބައްދަލުވުމަކަށް ބޮޑެތި މައުލޫތައް ހުރި ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ސިޔާސަތަށް ގެނައި ބޮޑު ބަދަލެއްގެ ސަބަބުން އޯޕެކް ގައުމުތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ހުޅަނގަށް ބޭނުންވާ ހަކަތަ ރަޝިއާ ނޫން ގައުމަކުން ހޯދަން ކުރާ މަސައްކަތްތަކުގައި ހުޅަނގުން އެންމެ ބޮޑަށް ޕްރެޝަރު ކުރަނީ އޯޕެކް އަދި ގަލްފު ގައުމުތަކަށެވެ.