ދުނިޔެ

އިންޑިއާއަށް ބޭނުން ވަރަކަށް ރަޝިއާގެ ތެޔޮ ގަނެވިދާނެ: ޖެނެޓް ޔެލެން

އިންޑިއާއިން ބޭނުން ވަރަކަށް ރަޝިއާގެ ތެޔޮ ގަތުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވިދާޅުވެއްޖެ އެވެ.

ޔެލެން ވިދާޅުވި ގޮތުގައި ހުޅަނގުން -- ޖީ ހަތެއްގެ ގައުމުތަކުން ރަޝިއާގެ ތެޔެ ގަތުމަށް ވަކި އަގެއް ކަނޑައަޅައި ޝަރުތުކުރި ނަމަވެސް، އެއީ ވެސް އިންޑިއާއަށް އޮތް ޝަރުތެއް، ހުރަހެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، ޔެލެން ވިދާޅުވީ އިންޑިއާއަށް ރަޝިއާގެ ތެޔޮ ގަނެވޭނީ ހުޅަނގުގެ އިންޝުއަރެންސާއި ފައިނޭންސް އަދި މެރިޓައިމް ޚިދުމަތްތަކުން އިންޑިއާ ވަކިވެއްޖެ ނަމަ ކަމަށެވެ.

އެމެރިކާ އާއި އިންޑިއާގެ އިގްތިސާދީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ބޭއްވި ކޮންފަރެންސްގެ ހަވާސާގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ޔެލެން ރޮއިޓާސްއަށް ވިދާޅުވީ ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައެޅުމުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުން ކަމަށެވެ.

ޔެލެން ރޮއިޓާސްއަށް އިންޓަވިއު ދެއްވީ އިންޑިއާގެ އިގުތިސާދީ ވެރިންނާ އެކު އޮތް މަޝްވަރާ ބައްދަލުވުމެއްގެ ހަވާސާގަ އެވެ.

ހުޅަނގުން ކަނޑައަޅާފައިވާ އަގަށް ނުވަތަ އެކަށީގެންވާ ރަނގަޅު ޑިސްކައުންޓަކާ ނުލައި ޔޫރަޕަށް ހަކަތަ އިމްޕޯޓް ކުރުން ހުއްޓާލުމުން ރަޝިއާއަށް މިހާރު ވިއްކާ މިންވަރަށް ތެޔޮ ނުވިއްކޭނެ ކަމަށް ޔެލެން ވިދާޅުވި އެވެ.

އެއީ ރަޝިއާއަށް އަމްދަނީ ލިބެން ހުރި ކޮޅުތައް ބައްދާލަން މޮޅު އުކުޅެއް ކަމަށް ވެސް ޔެލެން ވިދާޅުވި އެވެ.

ރަޝިއާ ބޭނުންވާހާ ގޮތަކަށް ޔޫރަޕަށް ތެޔޮ ނުވިއްކޭނެ ކަމަށް ވެސް ޔެލެން ވިދާޅުވި އެވެ. ޔޫރަޕުން ރަޝިއާގެ ތެޔޮ ދޫކޮށްލައިފި ނަމަ ތެޔޮ ވިއްކަން ރަޝިއާ އުޅެންޖެހޭނީ ވަރަށް ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން އެންމެ ގިނައިން މިހާރު ތެޔޮ ގަންނަ ދެ ގައުމަކީ އިންޑިއާ އާއި ޗައިނާ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ކުރިން ވިދާޅުވި ގޮތުގައި، ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައަޅައިފި ނަމަ އެ ގައުމަކަށް ތެލެއް ނުވިއްކާނެ އެވެ.

ހުޅަނގުން ވަކި އަގެއް ކަނޑައެޅުމާ މެދު އިންޑިއާ ދެކޭ ގޮތް އަދި މުޅިން ސާފު ނޫން ނަމަވެސް، އިންޑިއާ ވިސްނާފައި އޮތީ ރަޝިއާގެ ތެޔޮ ގައުން ހުއްޓާލާ ގޮތަކަށް ނޫނެވެ.

އިންޑިއާއިން އަބަދުވެސް ބުނަނީ ތެލަކީ އިންޑިއާއަށް މުހިންމެ އެއްޗެއް ކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ކޮންމެ ސަރުކާރަކަށް ވެސް ލާޒިމުކަމެއް ކަމަށެވެ.

ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައެޅުމުން ރަޝިއާއިން ތެޔޮ ވިއްކުން ހުއްޓާލައިފި ނަމަ ދެރަވާނީ އާންމު ފަރުދުންނަށް ކަމަށް އިންޑިއާ ބުނެ އެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެދުކެނޑުމެއް ނެތް ގޮތުގައި އެކަށީގެންވާ ރަނގަޅު އަގަކަށް ތެޔޮ ލިބެން ހުރުން ކަމަށް ވެސް އިންޑިއާ ބުނެ އެވެ.