ދުނިޔެ

ޔުކްރޭންގެ ބުޗާ އަވަށުގައި އާންމުން މެރުން ކުށްވެރިކުރަން: އިންޑިއާ

ޔުކްރޭންގެ ބުޗާ އަވަށުގައި އާންމުން މެރުން ކުށްވެރިކުރާ ކަމަށް އިންޑިއާ ބުނެފި އެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި ރަޝިއާއާ ދެކޮޅަށް މީގެ ކުރިން އެއްވެސް އެއްޗެ ބުނެފައި ނުވާ އިންޑިއާ, ބުޗާގެ ހާލަތު ދެނެގަތުމަށް މިނިވަން ތަހުގީގަކަށް ވަނީ ގޮވާލާފަ އެވެ.

ރަޝިއާ ސިފައިން ބުޗާ އަވަށުން ފައިބައިގެން ދަމުން ދިއައީ 400 އަށް ވުރެ ގިނަ އާންމުން މަރާފައި ކަމަށް ޔުކްރޭންގެ އޮފިޝަލުން ބުނެ އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ބުނާ ގޮތުން މަރުވެފައި ތިބި އެތައް ބަޔަކު ބޮޑެތި ފުން ވަޅުގަނޑުތަކުން ވެސް ވަނީ ފެނިފަ އެވެ.

ޔުކްރޭންގެ މިބުނުމަށް މޮސްކާ ދެކޮޅު ހަދަ އެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ޔުކްރޭންގައި ރަޝިއާ ސިފައިން ގަތުލުއާންމެއް ހިންގާފައި ނުވާނެ އެވެ. އަދި އާންމުންނަށް އަމާޒުކޮށް އަނިޔާވެެރި އެއްވެސް އަމަލެއް ހިންގާފައި ނުވާނެ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ގަތުލުއާންމު ހިންގި ކަމަށް ޔުކްރޭން ބުނާ ތާރީޚާ ރަޝިއާ ސިފައިން ބުޗާ އަވަށުން ފޭބި ތާރީޚު ދިމާނުވާ ކަމަށެވެ. ރަޝިއާ ސިފައިން މާޗް މަސް ހުސްވުމުގެ ކުރިން ބުޗާ އަވަށުން ފައިބާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރަޝިއާ ބުނާ ގޮތުން އާންމު ޚަބަރުތަކުން އެފެންނަނީ ޔުކްރޭނުން އުފައްދާފައި ހުރި ވީޑިއޯ އާއި ފޯޓޯ އެވެ. ޔުކްރޭނުން އެކަށް ކޮށްފައި ވަނީ ސުލްހައިގެ ވާހަކަތައް ހުއްޓުވާލުމަށް ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އެމެރިކާ އާއި ހުޅަނގުން ރަޝިއާއަށް އަސްކަރީ ހަމަލާއެއް ދޭން މަގުފަހި ކުރުވުމަކީ ވެސް ޔުކްރޭންގެ ވިސްނުމެއް ކަމަށް ރަޝިއާ ބުނެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންޑިއާ ސަފީރު، ޓީއެސް ޓިރުމުތީ ވިދާޅުވި ގޮތުގައި ބުޗާ އަވަށުން ފެންނަ މަންޒަރުތައް ބިރުވެރި އެވެ. އަދި ވިދާޅުވީ މަންޒަރުތަކުން އުނދަގޫ އިހުސާސްވެ ވަޑައިގަންނަވާ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި އެފަދަ އަމަލުތައް އިންޑިއާއިން ކުށްވެރިކުރެވެ އެވެ. އަދި އެއީ މިނިވަން ތަހުގިގަކުން ބަލައި އަދަބު ކަނޑައެޅެންވާ ވަރުގެ އަމަލެކެވެ.

ރަޝިއާ - ޔުކްރޭން މައްސަލާގައި އިންޑިއާ އެމެރިކާ ކޮޅަކަށް ނުޖެހި އޮތުން އެމެރިކާއަށް ވަނީ ރިހުމަކަށް ވެފަ އެވެ. މިކަމުގައި އިންޑިއާ އެމެރިކާ ކޮޅަށް ލަންބާލުމަށް އެކި ފެންވަރުގައި އެމެރިކާ ދަނީ އިންޑިއާއަށް ނުފޫޒު ފޯރުވަމުންނެވެ.