ރަޝިޔާ

ވެގްނާ ގުރޫޕުން މޮސްކޯގައި ހިންގަން އުޅުނު ބަޣާވާތް ހުއްޓާލައިފި

ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގައި ރަޝިއާއިން ބޭނުންކުރަމުން އައި ކުލީ ސިފައިންގެ ޖަމާއަތް ކަމުގައިވާ ވެގްނާ އިން ރަޝިއާ އާއި ދެކޮޅަށް ކުއްލިއަކަށް ބަޣާވާތްކޮށް ރަޝިއާގެ ވެރިރަށް -- މޮސްކޯގެ ބާރު ނެގުމަށް ކުރި މަސައްކަތް ހުއްޓާލައި އަމާންދީފި އެވެ.

ވެގްނާ ގްރޫޕްގެ ވެރިޔާ ޔިވްގޭނީ ޕްރިގޯޒިން ވަނީ ހަނގުރާމަވެރިން މިވަގުތު އަނބުރައި އެމީހުންގެ ކޭމްޕްތަކަށް ދާން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

"ވެގްނާ ގްރޫޕުން ވަނީ ފީލްޑް ކޭމްޕްތަކަށް އެނބުރި އަންނަން ފަށާފައި،" އިއްޔެގެ ފަތިހުގެ ވަގުތެއްގައި ޕްރިގޯޒިން ބުނެފައިވެ އެވެ.

ޔިވްގޭނީގެ ޔުނިޓް ތަކުން ވަނީ އެއިގެ ކުރީ ދުވަހު ކުއްލި ގޮތެއްގައި މިއުޓިނީއެއް ގެނެސް ރަޝިއާގެ ދެކުނު ސިޓީއެއް ކަމުގައިވާ ރޮސްޓޮވޮންޑޮންގެ އެތަކެއް އިދާރީ އަދި އަސްކަރީ މަރުކަޒުތަކެއް އޭނާގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ކުލީ ސިފައިން ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއާ ދިމާލަށް މިސްރާބުވެސް ޖަހާފަ އެވެ.

ކުލީ ސިފައިންގެ ޖަމާއަތް އަނބުރައި ފީލްޑް ކޭމްޕަތަކަށް އަންނަން ފަށާފައިވާ ކަމަށް ބުނަމުން ޕްރިގޯޒިން ވަނީ މި ބަޣާވާތް ވަރުގަދަ ލޭއޮހުރުވުމަކާ ދިމާލަށް ދިޔަ ކަމަށް ބުނެފަ އެވެ.

"އެމީހުން ބޭނުންވީ ވެގްނާ ކުލީ ސިފައިން ރޫޅާލަން. ޖޫން 23ގައި އިންސާފްގެ މާޗް ދަތުރު ފެށިން އެއް ދުވަސްތެރޭގައި. އަހަރެމެން މޮސްކޯ އާއި 200 ކިލޯމީޓާރަށް ކަރިއަށް ޖެހިލިން. އަދި އެހިސާބަށް އަންނަންދެން އެންމެ ލޭ ތިއްކެއްވެސް އަހަރެމެން އޮހުރުވާ ނުލަން،" ޕްރިގޯޒިން ބުނެފައިވެ އެވެ.

ނަމަވެސް މި މިއުޓިނީ ތެރޭގައި އެތަކެއް ވައިގެ އުޅަނދެއް ވެގްނާއިން ވަނީ ހުއްޓުވައި ރަޝިއާގެ އަސްކަރީ ބާރުތަކާއި ކުރިމަތިލުންތަކެއް ހިންގާފަ އެވެ.

ވެގްނާ އިން އަމާންދިން ކަން އަންގާފައި މިވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންޑަ ލުކަޝެންކޯ ކާމިޔާބް ވާހަކަތަކެއް ޕްރިގޯޒިންއާ އެކު ބާއްވާފައިވާ ކަމަށް ބެލަރޫސްގެ ރައިސްގެ ތަރުޖަމާން ވިދާޅުވިތާ ގިނައިރެއް ނުވަނީހެވެ.

މިންސްކް އިން ބުނެފައިވާ ގޮތުގައި މި ވާހަކަތައް ބޭއްވުނީ ރަޝިއާގެ ރައީސް ޕުޓިން އާއި ވެސް ގުޅިގެންނެވެ.

"ޔިވްގޭނީ ޕްރިގޯޒިން ވަނީ ރައީސް އެލެގްޒެންޑަ ލުކަޝެންކޯގެ ހުށަހެޅުމާއި އެއްގޮތަށް ވެގްނާގެ ކުލީ ސިފައިންގެ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފައި. އަދި ހަމަ އެހެންމެ މައިދާން ފިނިކުރުމަށް އިތުރު ފިޔަވަޅު އެޅުމަށްވެސް ވަނީ އެއްބަސްވެފައި،" ބެލަރޫސްގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޕްރިގޯޒިން އަށް ވަނީ މި މައްސަލަ ހައްލުކުރުމަށް ފައިދާ ހުރި ހުށަހެޅުމެއް ހުށަހަޅައި އަދި ވެގްނާ ކުލީ ސިފައިންނަށް ރައްކާތެރިކަމުގެ ގެރެންޓީއެއް ދީފަ އެވެ. ނަމަވެސް ވެގްނާގެ ކޮމާންޑާރު ޕްރިގޯޒިންގެ ބަޔާންތަކުގައި މިހާތަނަށް ލުކަޝެންކޯއާ އެކު ބޭއްވި ވާހަކަތަކުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.