ދުނިޔެ

ޕޫޓިން އާއި ޝީ ޖީ20 ސަމިޓަށް ބާލީއަށް ވަޑައިގަންނަވާނެ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑޮނީޝިއާގެ ބާލީގައި އޮންނަ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިވި އެވެ. ޖީ20 ސަމިޓް އޮންނާނީ މިއަހަރު ނޮވެމްބަރުގަ އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކީ ވިޑޯޑޯ "ބްލޫމްބާގް ނިއުސް" އަށް ވިދާޅުވި ގޮތުގައި ޕޫޓިން އާއި ޝީ ވެސް އޮތީ އެ ޔަގީންކަން ދެއްވާފަ އެވެ.

ޖީ20 ސަމިޓް ބާއްވާ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ޖޯކޯ ވިޑޯޑޯ ވަނީ ޝީ އާއި ޕޫޓިންއާ ބައްދަލު ކުރައްވާފަ އެވެ. އަދި ޖީ20 ސަމިޓަށް ދައުވަތު ދެއްވާފަ އެވެ.

"ޝީ ޖިންޕިން ވަޑައިގަންނަވާނެ،" ޖޯކޯ ވިޑޯޑޯ ވިދާޅުވި އެވެ. "އެއީ ހަމަ ކަށަވަރު ކަމެއް،" އިންޑޮނީޝިއާޣެ ރައީސް ވިދާޅުވި ގޮތުގައި ސަމިޓަށް ވަޑައިގަންނަވާނެ ކަމަށް ޕޫޓިން ވެސް އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި އެވެ.

"އެހެންކަމުން މި ބަލަނީ އެ ދެ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ގައުމަށް ވަޑައިގެން ސަމިޓް ހުރިހަމަ ކޮށްދެއް ވާނެ ކަމަށް" ޖޮކޮވީ ވިދާޅުވި އެވެ. ޖޮކޮވީ އަކީ އިންޑޮނީޝިއާގައި އާންމުކޮށް ޖޯކޯ ވިޑޯޑޯއަށް ނިސްބަތްކުރާ ނަމެވެ.

އެހެން ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީން މި ވާހަކައަށް ޔަގީންކަމެއް އަދި ނުދެ އެވެ. ޝީ ޖިންޕިން ޖީ 20 ސަމިޓްގައި ބައިވެރިވާނެތޯ ދެންނެވުމުން ފޮރިން މިނިސްޓްރީން ވަކި ޖަވާބެއް ނުދެއްވި އެވެ.

ރޮއިޓާސް ބުނާ ގޮތުން ޖީ20 ސަމިޓަށް ޕޫޓިން ވަޑައިގަންނަވާނެތޯ ދެންނެވުމުން ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވެސް ޖަވާބެއް ނުދެއްވި އެވެ.

މި އަހަރު ނޮވެމްބަރުގައި އޮންނަ ޖީ20 ސަމިޓް ތައްޔާރުކޮށް ހަފުލާ ބާއްވައިދެނީ އިންޑޮނީޝިއާގަ އެވެ. ދުނިޔޭގައި އިގުތިސޯދީ ގޮތުން ކުރިއަރާފައި އޮތް 20 ގައުމު އެއްމޭޒު ދޮށަށް ޖަމާވެ ސައްލާކުރާއިރު، އެ ސަމިޓްގައި ރަޝިއާ ބައިވެރިވުން ބައެއް ގައުމުތަކަށް ވަނީ މައްސަލައަކަށް ވެފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރުމުގެ ގޮތުން ނުފޫޒުގަދަ ގައުމުތަކުން ބޭނުން ވަނީ ރަޝިއާ އެކަހަރި ކުރުމަށެވެ. ރަޝިއާއަށް ދައުވަތު ނުދިނުމަށް އެ ގައުމުތަކުން އޮތީ އިންޑޮނީޝިއާއަށް ގޮވާލާފަ އެވެ

ޗައިނާ އަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއް ކަމަށް ބުނެ ޗައިނާގެ ބައިވެރިވުން ވެސް ބައެއް ގައުމުތަކުންނާއި އޮގަނައިޒޭޝަންތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެކަމަކު އިންސާނީ ހައްގުތަކަށް އަރައިނުގަންނަ ގައުމެއް ހުޅަނގުގައި ނެތެވެ.

ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ނުފޫޒުގަދަ ލީޑަރުން އިންޑޮނީޝިއާއަށް ވަޑައިގަންނަވާނެ އެވެ. ޔުކްރޭންގެ ރައީސް ޒެލެންސްކީ ވެސް އަދި އޮތީ ވަޑައިގަންނަވާ ގޮތަށެވެ.