ދުނިޔެ

އީލޮން މަސްކް އިންޑޮނީޝިއާގައި، ސްޓާލިންކް އިންޓަނެޓް ތައާރަފުކޮށް ދެއްވަނީީ

އެމެރިކާގެ ވިޔާފާރިވެރިޔާ އީލޮން މަސްކް އިންޑޮނީޝިއާއަށް ވަޑައިގެން ސްޓާލިންކް އިންޓަނެޓް ތައާރަފުކޮށް ދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި އިންޑޮނީޝިއާގެ ސިއްހަތާ ބެހޭ ވަޒީރު ބުޑީ ގުނާޑީ ސަޑިކިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީލޮން މަސްކް އަކީ ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރިޔާ އެވެ. އެކްސް މައިކްރޮބްލޮގިން ހިދުމަތަކީ ވެސް މިހާރު އޭނާގެ މުދަލެކެވެ.

އިންޓަނެޓްގެ ހިދުމަތް ތައާރަފުކޮށް ދެއްވުމަށްފަހު ސްޓާލިންކްއާ ބެހޭ ގޮތުން އީލޮން މަސްކް ވާހަކަދެއްކެވި އެވެ.

މަސްކް ވިދާޅުވި ގޮތުގައި ތަރައްގީވަމުން އަންނަ އާބާދީތަކަށް އަދި އާމްދަނީ މަދު އާއިލާތަކަށް ސްޓާލިންކް އިންޓަނެޓް މުހިއްމު ވަސީލަތަކަށް ވާނެ އެވެ. އަދި ސްޓާލިންކްގެ ސަބަބުން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވާނެ އެވެ.

މަސްކް ވިދާޅުވީ ސޯޝަލް މީޑިއާ ސައިޓްތަކުގައި އުފެއްދުންތައް މާކެޓްކުރުމަށް ސްޓާލިންކް އެހީތެރިވާނެ ކަމަށެވެ. އަދި ފަގީރު ސަރަހައްދުތަކުގައި ދަނޑުވެރިންނަށް އެ މީހުން ހައްދާ ގަސްހަހާއި މޭވާތައް ދުނިޔެއަށް ދެއްކުމަށް އޭނާގެ އިންޓަނެޓްގެ ހިދުމަތް އެހީތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑޮނީޝިއާ އަކީ 17،000 ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ބިޔަ އާބާދީ އެކެވެ. އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން 270 މިލިއަން މީހުން އެ ގައުމުގައި -- ތަފާތު އާބާދީތަކުގައި ދިރިއުޅެ އެވެ.

މަސްކް ވިދާޅުވީ ވިޔަފާރިވެރިންނަށާއި ދަރިވަރުންނަށް އަދި މުދައްރިސުންނަށްވެސް ސްޓާލިންކަކީ ބޭނުންތެރި ވަސީލަތަކަށް ވާނެ ކަމަށެެވެ.

އީލޮން މަސްކްގެ އެދިވަޑައިގަތުމަކީ ސްޓާލިންކްގެ ހިދުމަތް ދެމެހެއްޓެވި އަދި ހަރުދަނާ މާނައިގައި ބޭނުންހިފުމެވެ. އެއީ ހަމައެކަނި މުނިފޫހިފިލުވައިދޭ ވަސީލަތެއް ގޮތުގައި ބޭނުންހިފުމަށް ވުރެ، އުނގެނުމަށާއި އާމްދަނީ ހޯދުމަށް ވެސް އޭނާގެ އިންޓަނެޓް ބޭނުންކުރުމަށް މަސްކް އެދިވަޑައިގެންނެވި އެވެ.

އިންޑޮނީޝިއާއަށް ސްޓާލިންކް ތައާރަފްކޮށް ފުރަތަމަ ފިޔަވަހީގައި ސިއްހީ މަރުކަޒުތައް ގުޅާލައްވާނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވި އެވެ. އަދި ވިޔަފާރިތަކަށާއި އިޖުތިމާއީ ބޭނުންތަކަށްވެސް މި ހިދުމަތް ފުޅާކުއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.