ދެކުނު އެފްރިކާގައި އިންވެސްޓްކުރަން ސްޓާލިންކަށް ފުރުސަތު ނުލިބިގެން އުޅެނީ އޭނާ އަކީ ކަޅު ނަސްލުގެ މީހަކަށް ނުވާތީ ކަމަށް ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
މަސްކް މިހެން ވިދާޅުވުމާ ގުޅިގެން ދެކުނު އެފްރިކާގެ އޮފިޝަލުން ވަނީ އޭނާއަށް ރައްދު ދެއްވައި، އެ ބާވަތުގެ ނަސްލީ ތަފާތުކުރުމަކީ ދެކުނު އެފްރިކާގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އީލޮން މަސްކް އުފަންވެވަޑައިގަތީ ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާ ގައެވެ. ނަމަވެސް އޭނާ އާންމުކޮށް ދިރިއުޅުއްވަނީ އެމެރިކާގަ އެވެ.
ސްޓާލިންކާ ގުޅުވައި ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުތަކެއްގެ މައްޗަށް މަސްކް ބަސްވިދާޅުވި ސަބަބަކީ އެ ގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ ރޮބް ހާސަން ޕޮޑްކާސްޓެއްގައި ވިދާޅުވި ވިދާޅުވުމަކަށް ރައްދު ދެއްވުމަށެވެ.
ރޮބް ހާސަން ވިދާޅުވި ގޮތުން ދެކުނު އެފްރިކާގައި ނަސްލީ ގާނޫނުތައް އުފައްދާފައި ހުންނަނީ ދޮން މީހުންނަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށެވެ.
މަސްކް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި ދެކުނު އެފްރިކާގެ ޑިޕްލޮމެޓިކް ތަރުޖަމާން ކްލޭސަން މޮންޔެލާ ވަނީ އެ ގައުމުގައި އިންވެސްޓްކުރުން އޮންނަ ގޮތް ސާފުކޮށްދެއްވާފަ އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ދެކުނު އެފްރިކާގައި ސްޓާލިންކަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. ދާހިލީ އަދި މަދަނީ ގާނޫނުތަކާ އެއްގޮތަށް ވިޔަފާރިކުރުމުގެ ފުރުސަތު ކޮންމެ ކުންފުންޏަކަށް ވެސް އޮންނަ ކަމަށް ވިދާޅުވި އެވެ.
ދެކުނު އެފްރިކާގައި ސްޓާލިންކްގެ ހިދުމަތްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އަދި އީލޮން މަސްކްގެ ހަމުގެ ކުލައަކީ ދެކުނު އެފްރިކާގައި ވިޔަފާރިކުރަން އޮތް ހުރަހެއް ނޫން ކަމަށް ވިދާޅުވި އެވެ.
ދެކުނު އެފްރިކާގައި އިންވެސްޓްކުރާ ބޭރުގެ މުވާސަލާތީ ކުންފުނިތަކަށް އޮންނަ ހާއްސަ އުސޫލެއްގެ ސަބަބުން ސްޓާލިންކްގެ ހިދުމަތް އެ ގައުމަށް ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށް މަސްކް ވަނީ ކުރިންވެސް ވިދާޅުވެފަ އެވެ.
މި އުސޫލު އޮންނަ ގޮތުން ތާރީހީ ގޮތުން އިހާނެތިކޮށް ހިތައި، ބާކީކޮށްފައި ތިބި ވަކި ބަޔަކަށް އިންވެސްޓްމަންޓްގެ 30 ޕަސެންޓް ހިއްސާ ހާއްސަކުރަން ޖެހެ އެވެ.
ސްޓާލިންކަކީ އާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏަކަށް ނުވާތީ ދެކުނު އެފްރިކާއަށް ހިދުމަތްދިނުމަށް އޮތް ދަތިކަން އޭނާގެ ހަމުގެ ކުލައަށް ނިސްބަތް ކުރައްވައި މަސްކް ޕޯސްޓްކުރެއްވީ އެވެ.