ބްރެޒިލްގެ ބޭންކްތަކުގައި ހުރި އީލޮން މަސްކްއަށް ނިސްބަތްވާ އެކައުންޓްތައް ހިފަހައްޓައި ހުރި ނަމަ ހުރި އެއްވެސް ފައިސާއެއް ދޫނުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި އޮތް ގޮތުން އީލޮން މަސްކްގެ ސްޓާލިންކާއި އަދި މައިކްރޮބްލޮގިން ޕްލެޓްފޯމް އެކްސްއަށް ލިބިފައި ހުރި ފައިސާތައް ހިފެހެއްޓުމުގެ ބޭނުމަކީ އެ ފައިސާއިން ޖޫރިމަނާ ދެއްކުމެވެ.
ބްރެޒިލްގައި އެކްސް މަނާކުރުމަށް ހިނގާދިޔަ ހަރަކާތްތަކުގައި 3.3 މިލިން ޑޮލަރުން އެކްސް ޖޫރިމަނާކޮށްފައިވާތީ އެ ފައިސާ ހޯދުމަކީވެސް އެކައުންޓްތައް ބަންދުކުރަން ޖެހުނު ސަބަބެއް ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
ބްރެޒިލްގައި އެކްސް މަނާކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮންޓެންޓްތައް ސެންސަރު ނުކޮށްގެންނެވެ. އަދި ސަރުކާރުން ބޭނުންވާ ބައެއް މީހުންގެ އެކައުންޓްތައް ބަންދުކުރުމާއި އެ އެކައުންޓްތަކާ ގުޅޭ މައުލޫމާތު ބްރެޒިލްގެ ސަރުކާރުން އެކްސް އިން ފޯރުކޮށް ނުދިނުމަކީ ވެސް ސަަބަބެކެވެ.
އެކްސް ބަންދުކުރުމަށް ސްޕްރީން ކޯޓުގެ ފަނޑިޔާރު އެލްގްޒެންދުރޭ ޑީ މޯރެސް ނެރުއްވި އަމުރާ ގުޅިގެން އޭނާ އާއި އީލޮން މަސްކާ ދެމެދު ވަނީ ބަހުގެ ހޫނު ހަނގުރާމައެއް ފެށިފަ އެވެ.
މަސްކް މިހާރު ވަނީ އެކްސްގައި ފަނޑިޔާރު ބޭޒާރުކުރުމަށް އެކައުންޓެއް ހުޅުވާލައި -- ބްރެޒިގައި ހިނގަމުންދާ ކޮރަޕްޝަންތައް އެ އެކައުންޓް މެދުވެރިކޮށް ހާމަކުރަން ފައްޓަވާފަ އެވެ.
އީލޮން މަސްކްގެ ކުންފުނިތަކުން ބްރެޒިލްގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާއެއް ހުރި ނަމަ އެ ފައިސާ ނެގުމަށްފަހު އެކައުންޓްތައް ދޫކޮށްލުމަށް ވެސް ފަނޑިޔާރު އަމުރުކުރެއްވި އެވެ. އަދި ސްޓާލިންކް މަނާކުރިއިރު ހިފަހައްޓާފައި ހުރި ވެހިކަލްތަކާއި ބިންތައްވެސް ދޫކޮށްލަން މިހާރު ވަނީ އަމުރުކުރައްވާފަ އެވެ.
މަސްކް ވިދާޅުވީ ބްރެޒިލްގައި އެކްސް މަނާކުރި ނަމަވެސް އެކްސް ބޭނުންކުރާ ސިޔާސީ ލީޑަރުންގެ ވަނަވަރު ހާމަނުކުރައްވާނެ ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެކްސްއިން ހުރަސްނާޅާނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ.